އަލީ ޔާމިން
މިރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗިން ޖަލްސާގައި ބައިވެރިވުމަށް އެދި ފެނަކަ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ފަށާ ކެމްޕޭން ލޯންޗްކުރާ ޖަލްސާއަށް ދިއުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ ލިޔުމެއް އެތަނުގެ ލެޓާހެޑުގައި ނެރެ ދަނީ ދައުރުކުރަމުންނެވެ.
އެ ލިޔުމުގައި ވަނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް 21 ފެބްރުއަރީ 2010 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:45 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ފެނަކައިގެ އެންމެހާ މުއައްޒަފުން މި ޖަލްސާގައި ބައިވެރިވުމަށްޓަކައި ޖަލްސާ ފެށުމުގެ 15 މިނެޓް ކުރިން ކާނިވާ ސަރަހައްދަށް ވަޑައިގަތުމަށް ދަންނަވާ ކަމަށެވެ. އަދި މަގުބޫލު އުޒުރަކާ ގުޅިގެން މި ޖަލްސާއަށް ހާޒިރުނުވެވޭ ފަރާތްތަކުން އެ މުވައްޒަފެއް މަސައްކަތްކުރާ ޑިޕާޓްމަންޓެއްގެ އިސްވެރިޔަކަށް ދުރާލައި އެންގުމަށް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ފެނަކައިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމްޑީޕީން އިންތިޒާމުކޮށްގެން މިރޭ ބާއްވާ ޖަލްސާއަކަށް ހާޒިރުވުމަށް ފެނަކައިގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނެ އަސްލެއް ނެތް ލިޔުމެއް ދައުރުކޮށް، ޗެނަލް 13 އިން ދޮގު ހަބަރު ފަތުރަމުންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ފެނަކައިން ބުނީ، އެފަދަ އެއްވެސް އެންގުމެއް ކުންފުނީގެ މުވައްޒަފުންނަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި ފެނަކައާ ބެހޭގޮތުން އަސްލެއް ނެތް ލިޔުމެއް ދައުރުކުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިރޭ އޮންނަ އެމްޑީޕީގެ ކެމްޕޭން ލޯންޗިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.