ޚަބަރު

ށ. ފުނަދޫގައި ތުއްތު ކުއްޖަކު ގެނބިގެން ނިޔާވެއްޖެ

އަލީ ޔާމިން

ށ. ފުނަދޫގައި ތުއްތު ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ފުނަދޫގައި އެއް އަހަރާއި ނުވަ މަހުގެ ފިރިހެން ކުއްޖަކު ގެނބިގެން ނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށެވެ.

ތުއްތު ކުއްޖަކު ގެނބިގެން ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުނަދޫން "ވަން"އަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައި އޮއްވައި ފެނުނު ކުއްޖާ ދިރިއުޅުނީ އަތިރިމަށްޗާ 50 ވަރަކަށް ފޫޓު ކައިރީގައި ހުންނަ ގެއެއްގައި ކަމަށެވެ. އަދި އެކުއްޖާ މަރުވެފައި އޮއްވައި ފެނިފައިވަނީ ގެއިން ނުކުތްތާ މާގިނައިރެއް ނުވަނީސް ކަމަށް އޭނާ ބުނެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ފުނަދޫގައި ދެއަހަރު ނުވާ ކުއްޖަކު ގެނބިގެން މަރުވި ހަބަރު ލިބުމާއެކު އެ މިނިސްޓްރީގެ ސޯސަލް ވޯކަރުން އެއާއިލާއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދުއާއަކީ އާއިލާއަށް ކެތްތެރިކަން ދެއްވުން ކަމަށެވެ.