އިންތިހާބަކާ ނުލައި ނ. ކުޑަފަރީ ކައުންސިލުގެ ތިން ގޮނޑިއެއް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަށަވަރުވެއްޖެއެވެ.
ކުޑަފަރީ ކައުންސިލަށް އިންތިހާބުކުރަން ޖެހޭނީ ފަސް މެންބަރުންނެވެ. އޭގެ ތެރެއިން އެމްޑީޕީއަށް ކަށަވަރުވެފައިވަނީ ކައުންސިލުގެ ރައީސާއި ދެ އަންހެން މެންބަރުންގެ ގޮނޑިއެވެ.
ކުޑަފަރީ ކައުންސިލުގެ ރައީސްކަމުގެ މަގާމަށާއި އަންހެން މެންބަރުންނަށް ހާއްސަކޮށްފައިވާ ދެ މަގާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެހެންކަމުން އިތުރު ފަރާތެއް އެ ގޮނޑިތަކަށް ވާދަކޮށްފައިނުވާތީ އެ މެންބަރުންނަށް ގޮނޑި ކަށަވަރުވާނެއެވެ. ނަމަވެސް ދެން ހިމެނޭ ދެ މެންބަރުން ހޮވުމަށް އިންތިހާބު ބާއްވަން ޖެހޭނެއެވެ.
އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބަކާ ނުލައި ކުޑަފަރި ކައުންސިލުގެ ރައީސްކަމާއި ދެ އަންހެން މެމްބަރުކަން އެމްޑީޕީ ކާމިޔާބުކޮށް، ވޯޓުގެ ކުރިން މެޖޯރިޓީ ކަށަވަރުކޮށްފި ކަމަށެވެ.
އިންތިހާބަކާ ނުލައި ގޮނޑި ކަށަވަރުކޮށްފައިވާ މެންބަރުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނުކޮށްފައެއް ނުވެއެވެ. އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވެފައިވަނީ އިއްޔެ ހަވީރު 4:00 ގައެވެ.