ދިވެހި ބަހުގެ އެކި ބަހުރުވަތައް ބޭނުންކުރުމަކީ ދިވެހި ބަސް މުއްސަނދިވެ، އިތުރަށް ދިރުން ލިބޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ތަހުނިޔާ ދިވެހިންނަށް ފޮނުއްވުމަށް އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަހުގެ އެކި ބަހުރުވަތައް ދިރިއުޅުމުގެ އެންމެހައި ކަމެއްގައި ބޭނުންކުރުމަށް ތަރުހީބުދިނުމަކީ ދިވެހި ބަސް މުއްސަނދިވެ، އިތުރަށް ދިރުން ލިބޭނެ ކަމެއް ކަމަށެވެ.
"ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް ފޮނުވަން. ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަހުގެ އެކި ބަހުރުވަތައް ދިރިއުޅުމުގެ އެންމެހައި ކަމެއްގައި ބޭނުންކުރުމަށް ތަރުހީބުދިނުމަކީ ދިވެހި ބަސް މުއްސަނދިވެ، އިރަށް ދިރުން ލިބޭނެ ކަމެއް.،" ރައީސްގެ ޓުވީޓުގައި ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ 21 ގައެވެ. މިއަހަރުގެ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަޑައަޅާފައިވާ ޝިއާރުގެ ދިވެހި ތަރުޖަމާއަކީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް" އެވެ.