ދިވެހިބަސް ރައްކާތެރިކުރެވޭނީ ބަހާ މެދު ދެކޭގޮތް ބަދަލުކޮށްގެން ކަމަށާއި ބަހަށް އިޖާބަދޭ ގޮތް ބަދަލުކޮށްގެން ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މާދަރީބަހުގެ މުނާސަބަތުގައި މިނިސްޓަރު ޔުމްނާ ދެއްވި ހިތާބުގައި ވިދާޅުވީ މައިންބަފައިން ފަރުވާތެރިކަމާއެކު ދަރީންނަށް ދިވެހިބަސް ދަސްކޮށްދޭންޖެހޭ ކަމަށާއި އެކަމަށްޓަކައި ގޭތެރެއިން ފެށިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"މިއަދު ގިނަ ކުޑަކުދީންނާއި ޒުވާނުން ވިސްނަނީ އިނގިރޭސި ބަހުން. ވާހަކަދައްކަނީ އިނގިރޭސިބަހުން. މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް. މިއީ ބަސް އުވިގެން ދާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް. މިހެންވުމުން ދިވެހިބަސް ރައްކާތެރިކުރެވޭނީ ބަހާ މެދު އަޅުގަނޑުމެން ދެކޭގޮތް ބަދަލުކޮށްގެން. ބަހަށް އަޅުގަނޑުމެން އިޖާބަދޭ ގޮތް ބަދަލުކޮށްގެން،" މިނިސްޓަރު ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ދިވެހި ބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް ކަމަށާއި ބަހުރުވަތަކަކީ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ހާއްސަ ސަގާފަތާއި ދިރިއުޅުން ދައްކައިދޭ މުހިންމު މާނަވީ ތަރިކައެއް ކަމަށެވެ. އަދި ބަހުރުވަތައް ދިރުވަން މަސައްކަތްކުރަން ޖެހޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިކަންކަމުގައި ދޭދޭ ފަރުދުންނާއި، ވަކިވަކި އާއިލާތަކާއި، ބަހަވީ މުޖުތަމައުގެ ލޭފަ ހަންހާރަވެތި އެހީތެރިކަން މިއަދު ވަނީ ނުހަނު ބޮޑަށް ބޭނުންވެފައި. މި އެހީތެރިކަން އެންމެ ފުރިހަމަ މާނައިގައި ދިވެހިބަހަށް ލިބެމުންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އެކަމަށް އެދި ނުހަނު އިހުލާސްތެރިކަމާއެކު އިލްމާސްކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޔުމްނާ އިތުރަށް ވިދާޅުވީ ބަހަކީ ދިވެހިންގެ ތާރީހާއި ސަގާފަތާއި ތަރިއާއި އާދަކާދައާ ގުޅުވައިދޭ އެއްޗެއް ކަމަށާއި އަދި އެއީ ތަހުޒީބާއި ތަމަންދުނު ބިނާވާ ހަޟާރީ ތަރިކައެއް ކަމަށެވެ.
މިއަހަރުގެ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަޑައަޅުއްވާފައިވާ ޝިއާރުގެ ދިވެހި ތަރުޖަމާއަކީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް" އެވެ.