ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދާތީ މިނިސްޓްރީތަކުން އެ މިނިސްޓްރީއަކުން ނަގަންޖެހޭ ގާނޫނީ ޒިންމާ ނުނަގާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވެފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހު ރިޔާސީ ކޮމިޝަނެއް އެކުލަވާލުމުން ކުރެއްވި ޓުވީޓެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ ނަތީޖާއާއި ހަރަދަށް ބަލާނަމަ ރިޔާސީ ކޮމިޝަނެއް އުފެއްދުމަކީ ބޭކާރު ކަމެއް ކަމަށާއި އެއީ އިސްރާފެއް ކަމަށެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަނާއި މިނިސްޓްރީތައް ކޮބައިތޯ ވެސް އާދަމް ޝަރީފު ސުވާލު އުފައްދާފައިވެއެވެ.
ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލަން ރައީސް ސޯލިހު ކޮމިޝަނެއް އެކުލަވާލައްވާފައިވަނީ އިއްޔެއެވެ. މި ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ޑރ އާފިޔާ އަލީ (ވާރުގެ، ސ. ހުޅުދޫ)، ޑރ އަބްދުލްމަލިކް (މއ. ކޮށީގެ)، އަބްދުﷲ ރާބިއު (ގަލްގާސްގެ، ކ. ދިއްފުށި)، މާޒިޔާ އަބްދުއްސައްތާރު (ގ. ސާޔާ) އަދި ނިކޮލަސް ރިޗާޑް ކައުދަރީ (އޮސްޓްރޭލިއާ) އެވެ.