ޚަބަރު

ކައުންސިލްތަކަށް ބާރުތައް ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ނޫން، އޭސީސީއަށް އިތުބާރު ކުރަން: އަނަސް

އަލީ ޔާމިން

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރުތައް ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ސެކެރަޓަރީ ޖެނެރަލް އަދި ކައުންސިލް އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ މިރޭގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަނަަސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލެވިފައިވާ ކަމަށާއި އެގޮތުން މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކަށް ބޮޑެތި ބަޖެޓުތައް ލިބޭނެ ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކަށް މާލީ ތަނަވަސްކަން ވެސް ލިބިގެންދާނެ ކަމަށެވެ.

އަނަސް ވިދާޅުވި ގޮތުގައި، އެ ތަނަވަސްކަން ކައުންސިލްތަކަށް ލިބުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ނޫނެވެ. އަދި މިހާރު އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އޭނާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މިނިވަން އޭސީސީއެއް ރާއްޖޭގައި އޮތުން ކަމަށެވެ.

"އަޅުގަނޑުމެން މިކަމުގައި އެންމެ ހިތްހަމަޖެހޭކަމަކީ މިނިވަންކަމާ މުސްތަގިއްލުކަމާއެކު މަސައްކަތް ކުރާނެ ކޮމިޝަނެއް މިރާއްޖޭގައި މިހާރުގައި އުފެދިފައި އޮތުން. އެހެންކަމުން އެ ކޮމިޝަނުން އެކަންތައްތައް ބަލަމުން ގެންދާ ކަމުގައި ވަނީނަމަ އެއްވެސް ކައުންސިލަކަށް އަދި އެއްވެސް ވުޒާރާއަކަށް އެފަދަ (ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ) އެއްވެސް ކަމެއް ނުކުރެވޭނެ،" އަނަސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ކޮމިޝަނަށް ނުފޫޒެއް ފޯރުވަން ކިރިޔާ ވެސް މަސައްކަތެއްކޮށްފި މީހެއްގެ ނުވަތަ ބައެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެ ކޮމިޝަންގެ ފަރާތުން ހާމަކުރަމުންދާ ކަމަށާއި ފެންނަމުން ދަނީ ވަރަށް އިންސާފުވެރިކޮށް، މިނިވަންކަމާއެކީގައި އެއްވެސް ނުފޫޒެއް ނެތި އޭސީސީން މަސައްކަތްކުރާ މަންޒަރު ކަމަށެވެ.

އޭސީސީއަށް އަނަސް ތައުރީފު ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ، ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން ރަނގަޅަށް ބެއްލެވުމަކީ އޭސީސީ އިން ކުރައްވާ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ، ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ނުވަތަ މަޖިލީހުގެ މެޖޯރިޓީ ލިބޭ ކޮންމެ ފަހަރަކު މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ހުރިހާ ފަރާތްތައް ވަޒީފާއިން ވަކިކުރަން ޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަނަސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ފަރާތްތައް ވަކިކުރާ ނަމަ ވަކިކުރަންވާނީ އޮންނަ އުސޫލުގެ ތެރެއިން ފުރިހަމަ ތަހުގީގެއް ހިންގުމަށް ފަހުގައި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރެއްވީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ވަކި ބޭނުމެއްގައި ސިޔާސީ ބައެއް ޕާޓީތައް "ނައްތާލަން" ވެސް މަސައްކަތް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަނަސް އިތުރަށް ވިދާޅުވީ ސަރުކާރުން މަޝްރޫއަށް ކުރިއަށް ގެންދިއުމުގައި ލަސްތަކެއް އެބައުޅޭ ކަމަށާއި އެގޮތަށް ކަންތައް މެދުވެރިވަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޝްވަރާ ބޭނުންވާތީ ކަމަށެވެ.