ލިވަޕޫލް

ލިވަޕޫލުގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް އެގާ ރާއްޖެ އަތުވެއްޖެ

ޔޫރަޕުގެ ޗެމްޕިއަން ލިވަޕޫލުގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް އެކްލަބުގެ ލެޖެންޑް ޑެނިއަލް އެގާ ރާއްޖެ އަތުވެއްޖެއެވެ.

އެގާ މިއަދު ރާއްޖެ އައިސްފައިމިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބު އޮފް މޯލްޑިވްސް (އޯއެލްއެސްސީ)ގެ ދައުވަތަކަށެވެ.

އެގާގެ މި ދަތުރުގައި އޯއެލްއެސްސީން ބާއްވާ ހާއްސަ ހަރަކާތެއްގައި ބައިވެރިވާނެއެވެ. އަންނަ އާދީއްތަ ދުވަހު ބާއްވާ އެ ހަރަކާތުގައި އޯއެލްއެސްސީގެ މެންބަރުންނަށް އެގާއާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

ޑެންމާކަށް އުފަން އެގާ ވަނީ 2006 އިން ފެށިގެން 2014 އަށް ލިވަޕޫލުގެ ޑިފެންސް ލައިނުގައި އިސް ދައުރެއް އަދާކޮށްފައެވެ. ލިވަޕޫލު ދޫކޮށްލުމަށްފަހު 2016 ވަނަ އަހަރު އެގާ ކުޅުން ހުއްޓާލާފައިވަނީ އޭނާގެ ފުޓުބޯޅަ ކެރިޔަރު ފެށި ޑެންމާކުގެ ކްލަބު ބްރޮންޑްބީ އައިއެފް އިންނެވެ. އެގާ ވަނީ ލިވަޕޫލާއެކު 2006ގެ އެފްއޭ ކޮމިއުނިޓީ ޝީލްޑާއި 12-2011 ސީޒަނުގެ ފުޓުބޯލް ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

އެގާ ވަނީ 2005 އިން 2016އަށް ޑެންމާކުގެ ގައުމީ ޓީމަށް ކުޅެފައެވެ. އޭނާ ވަނީ 2007 އަދި 2012ގައި ޑެންމާކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.