އަލީ ޔާމިން
ލޯކަލް ކައުންސިލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އިތުރުކުރުމުގެ ކުރިން 3،000 ވުރެ ފޯމު ޕްރޮސެސްކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހަވީރު 4:00އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރުކޮށްފިއެވެ. މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގެ ފޯމުތައް ބަލައިގަތުމުގެ ސުންގަޑި ހަމަވާނީ މިއަދު މެންދުރުފަހު 3:00ގައި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު 3:00ގެ ކުރިން 3،000 ވުރެ ގިނަ ފޯމު ޕްރޮސެސް ކުރެވިފައިވާ ކަމަށެވެ. އަދި މުއްދަތު އިތުރުކުރި ގަޑީގައިވެސް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
"މުއްދަތު އިތުރުކުރި ގަޑީގައިވެސް ވަރަށް ގިނަ ފަރާތްތަކުން ވަނީ ފޯމު ހުށަހަޅާފައި. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މިރޭ މި ފޯމުތައް ޕްރޮސެސްކޮށް ނިންމާލުމަށް. އަދި މާދަމާ ނޫން އަނެއް ދުވަސްވާއިރަށް ހުރިހާ ކެންޑިޑޭޓުންނަށްވެސް އެބޭފުޅުންގެ ކެންޑިޑަސީ ގަބޫލުކުރިކަން ނުވަތަ ނުކުރާކަން އަންގާނަން،" އަކްރަމް ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގައެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނީ މިފަހަރުގެ އިންތިހާބުގައި 1،912 ކެންޑިޑޭޓުން އިންތިހާބު ކުރާނެ ކަމަށެވެ. އެއީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި 982 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 930 ކެންޑިޑޭޓުންނެވެ. އަދި މުޅި އިންތިހާބުގައި 6،000 ވުރެ ގިނަ ކެންޑިޑޭޓުން މިފަހަރު ވާދަކުރާނެ ކަމަށް ލަފާކުރެވޭއިރު ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި 7000 ވަރަކަށް އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވިއެވެ.
އީސީން ލަފާކުރާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި 545 ވޯޓު ފޮއްޓެއް ބަހަށްޓަން ޖެހޭނެއެވެ. އެއީ މާލޭގައި 173 ވޯޓު ފޮއްޓާއި އަތޮޅު ތެރޭގައި 322 ވޯޓު ފޮއްޓާއި ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން ސިނާއީ ރަށްތަކުގައި 42 ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި އަށް ވޯޓު ފޮއްޓެވެ.