ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ސޯލިހު މި ކޮމިޝަން އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގުސަދުގައެވެ.
މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާ މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިގުތިސާދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާ ލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާ ލިބުނު ކުދިންގެ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.
މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާ މެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ. މީގެ އިތުރުން ކުޑަކުދީންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ކުށް ކަނޑައަޅައި ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެހެނިހެން ގަވައިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދައި ދިރާސާއެއް ހިންގުމެވެ.
މި ކޮމިޝަނުގެ ރައީސާގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ ޑރ އާފިޔާ އަލީއެވެ. މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ނިކޮލަސް ރިޗާޑް ކައުދަރީއަކީ އިންސާނީ ހައްގުތަކާއި ޝަރުއީ ދާއިރާގެ މާހިރެކެވެ. އޮސްޓްރޭލިއާގެ ޕަބްލިކް ޕްރޮސެކިއުޝަންސް ފޮރ ނިއު ސައުތު ވޭލްސްގެ ޑިރެކްޓަރުކަން 1994 އިން 2011 ވަނަ އަހަރާ ހަމައަށް ފުރުއްވާފައިވާ ކައުދަރީއަކީ ހިއުމަން ރައިޓްސް އިންސްޓިޓިއުޓްގެ އެއް ކޯ-ޗެއާ އެވެ. އަދި އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ މެންބަރެއްގެ އިތުރުން އޭނާއަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓާސްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ، މިހާރު އޮސްޓްރޭލިއާގެ ލޯ ކައުންސިލުގެ އިންސާނީ ޙައްގުތަކާ ބެހޭ މުޝީރެވެ.
ރައީސް މިއަދު އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާ މެދު ކަމާބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައުޞިޔާތައް ހިމެނޭ ތަފުސީލީ ރިޕޯޓެއް ތައްޔާރުކޮށް، ރައީސް ސޯލިހަށް ހުށަހަޅާނެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 20ގައި ރައީސް ތަސްދީގު ކުރައްވާފައިވާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިއަދު ވަނީ އަމަލުކުރާން ފަށައިފައެވެ. މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދީންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ކުޑަކުދީންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުންވެސް މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.