ޚަބަރު

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަގާމުން ވަކިކޮށްފި

1

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު އެ މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

ސީއެސްސީގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ސައީދު "ވަން" އަށް ވިދާޅުވި ގޮތުގައި، ހަދީޖާ ވަކިކުރަން އެ ކޮމިޝަނުން ނިންމީ މީގެ ފަސް ވަރަކަށް މަސް ކުރިން އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތަކެއް ތަހުގީގު ކުރުމަށްފަހު ކަމަށެވެ.

އެގޮތުން އެ މައްސަލަތަކުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރައްވާފައި ހުރިކަން ސާބިތުވެ، މިއަދުން ފެށިގެން އެ މަގާމުން ހަދީޖާ ވަކިކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީ އަށް ޕީއެސްއަކު ހޯދުމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަކަށް ހަދީޖާ ހަމަޖެއްސީ 25 ފެބްރުއަރީ 2015 ގައެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހެލްތު ޕްރޮމޯޝަން އެންޑް ނޮން ކޮމިއުނިކަބަލް ބަލިތައް ބަލަހައްޓާ ސެކްޝަންގެ ވެރިޔާގެ ގޮތުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟