މާފަންނު ރާވެރިގެއިން ފެށިގެން ވެސްޓްޕާކާ ހިސާބަށް ބޮޑުތަކުރުފާނުމަގުގައި ވެލި އަޅައި ބަންދުކޮށްފައި އޮންނަ ސަރަހައްދުން ވެލިތައް ނަގައި، އާންމު ދަތުރުފަތުރަށް އެ މަގު އަލުން ހުޅުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަސްފަންނު ތަރައްގީ ކުރި އިރު، ރާވެރިގެއާއި ވެސްޓްޕާކާ ދެމެދުން ބޮޑުތަކުރުފާނުމަގުގެ އެ ސަރަހައްދު ބަންދުކޮށް، އެތަނަށް ވަނީ ދޮންވެލި އަޅައި އުސްކޮށްފައެވެ.
ނަމަވެސް މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ވެލިގަނޑު ނަގައި މަގު އަނެއްކާވެސް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަގު ހުޅުވަން ނިންމާފައިވާ އިރު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކަނބާއައިސާރަނި ހިނގުން ތަރައްގީކުރަން ބަންދުކުރާނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކަނބާއައިސާރަނި ހިނގުން ތަރައްގީކުރަން ފަށާނީ ވެސްޓްޕާކާ ދިމާލުން ބޮޑުތަކުރުފާނުމަގު އަލުން ހުޅުވާލުމަށްފަހުއެވެ.
ކަނބާއައިސާރަނި ހިނގުމުގެ މަސައްކަތަކީ މާލޭގެ މަގުތައް ހެދުމަށް ފަށާފައިވާ 462 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުގެ ދަށުން ޕައިލެޓް ފޭސް (ފުރަތަމަ ފިޔަވަހި) ކުރިއަށްގެންދާ މަސައްކަތެކެވެ. މާލޭގެ މަގުތައް ހަދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރަޕޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެނެވެ.