ޚަބަރު

ހުޅުމާލޭގައި ބާބަކިއު ހަދަން ވަގުތީ ތަނެއް ކަނޑައަޅައިފި

އަހުމަދު އައުފް އަބްދުލް ސަމަދު

ހުޅުމާލޭގައި ބާބަކިއު ހެދުމަށް ވަގުތީ ގޮތުން މިއަދު ތަނެއް ކަނޑައަޅައިފިއެވެ.

ހުޅުމާލޭގައި ބާބަކިއު ހެދުމަށް ހާއްސަކޮށްފައިވާ ސަރަހައްދު މިމަހުގެ 16 ވަނަ ދުވަހު ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ. އެއީ ފޭސް އެކެއް އަދި ދޭއް ތަރައްގީކުރުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ ގޮތުންނެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބާބަކިއު ހެދުމަށް ވަގުތީ ގޮތުން އާންމުކޮށް ހުޅުވާލާފައިވަނީ ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދެވެ. ނަމަވެސް އެ ސަރަހައްދުގައި މަސްކަނޑައި ހުޅުނބު ޖެހުމަކީ މަނާ ކަމެއް ކަމަށް އިއުލާނުގައިވެއެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި ބާބަކިއު ހަދާއިރު ބޭނުންކުރަން ޖެހޭނީ ހަމައެކަނި ކޯލް ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައިވެއެވެ.