ކަޅުވަކަރު މިސްކިތް އަަލުން ރާވައި ނިންމައި އެ މިސްކިތުގެ ވަޅު މިއަދު ބަހައްޓައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ، ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ނިމި، މިސްކިތުގެ ވަޅު ބެހެއްޓުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާ މައުމޫނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ކަޅުވަކަރު މިސްކިތް ކުރިން ބަހައްޓާފައިހުރީ ލިލީމަގު ސަލްޓަން ޕާކު ސަރަހައްދު ކަންމައްޗަކަށް ވާގޮތަށެވެ. ނަމަވެސް ސަލްޓަން ޕާކު ތަރައްގީކުރުމަށް މިދިޔަ ސަރުކާރުން 2016 ވަނަ އަހަރު އެ މިސްކިތް ރޫޅާލިއެވެ. އަދި ވަކި ތަނެއްގައި ބެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނި ނަމަވެސް ސަރުކާރު ނިމިގެންދިޔައިރު ވެސް މިސްކިތް އެހެން ތަނެއްގައި ރާވާފައެއް ނުވެއެވެ.
ކަޅުވަކަރު މިސްކިތް ރޫޅާލައި ފޮރުވާފައި ހުރިތަން ހޯދައި، އަލުން އެ މިސްކިތް ރޭވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން މިސްކިތުގެ ބައިތައް ހޯދައި، ސަލްޓަން ޕާކު ސަރަހައްދުގައި މިސްކިތް ބެހެއްޓުމަށް ރައީސް ނިންމެވީ ވަޒީރުންގެ ލަފާފުޅާއެކު ޑިސެމްބަރު 2018 ގައެވެ.
އޭގެ ފަހުން ސަލްޓަން ޕާކު ސަރަހައްދުގައި އެ މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ މަސައްކަތް އަލުން ރޭވުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ސޯލިހެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން، ކަޅުވަކަރު މިސްކިތް އަލުން ރަވާ ބަހައްޓާނީ އިހުގެ އާސާރީ މިސްކިތެއްގެ ގޮތުގައި ފެންނާނެ ގޮތަށް، މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމާއެކު ކަމަށެވެ. އަދި މިސްކިތް ބަހައްޓާނީ ބޭނުން ފަރާތަކަށް ޒިޔާރަތް ކުރެވޭނެ ތަނެއްގެ ގޮތަށް، އެތަން ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތަށެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވައި ނިމުނު ނަމަވެސް މިސްކިތް އާންމުކޮށް ހުޅުވާނެ ތާރީހެއް އަދި ނޭނގެއެވެ.