ރާއްޖޭގެ މަޝްހޫރު ފިލްމީ ދެ ތަރިން ކަމަށްވާ އަބްދުﷲ މުއާޒު (މުއާ) އާއި މަރިޔަމް އައްޒަ ކައިވެނިކޮށްފިއެވެ.
މި ދެތަރިން ކައިވެނިކޮށްފައިވަނީ، ހުޅުމާލޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
ދެ އަހަރެއްހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މުއާ އާއި ކައިވެނި ކުރުމަށް އައްޒަ ރަން ކިޔާފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އައްޒަ ރަން ކިޔާފައިވާ 30 ރުފިޔާއަށެވެ.
އައްޒަ އާއި މުއާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ދިވެހި ފިލްމު "ލީނާ" އިންނެވެ. އެ ފިލްމަކީ މީގެ 18 އަހަރު ކުރިން ވިޔަފާވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު، އެ ޖަމިއްޔާގެ ސެކްރެޓަރީ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ނަމަވެސް އެ ފިލްމުގެ ސްކްރީން ޕްލޭއަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ.
އޭގެ އިތުރުން އައްޒަ އާއި މުއާ ދަނީ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ"ގެ ދެވަނަ ސީޒަންގައި ވެސް މަސައްކަތް ކުރަމުންނެވެ.
އައްޒަ އާއި މުއާ ވެސް ވަނީ މީގެ ކުރިން ކައިވެންޏެއްކޮށް އެ ކައިވެންޏަށް ދަރިއަކު ލިބިފައެވެ. އައްޒަ ކުރިން ކައިވެނިކޮށްގެން އުޅުނީ އިސްމާއީލް ޖުމައިހް (ޖުމާ) އާއެވެ. މުއާ ކައިވެނިކޮށްގެން އުޅުނީ ޝާޔަން ޝާހިދާއެވެ.