ޚަބަރު

ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވެ އެ ހައްގުތައް ހޯދައިދިނުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

އަހުމަދު އައުފް އަބްދުލް ސަމަދު

ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވެ އެ ކުދިންގެ ހައްގުތައް ހޯދައިދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ.

ނައިބު ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން މިއަދު ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތް އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދަކީ ކުޑަކުދިންގެ ގާނޫނަށް އަމަލުކުރަން ފެށި ދުވަސް ކަމަށްވާތީ އެކަމަށް އިޝާރާތްކުރައްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކަށް އެކަނި ވިސްނާލިޔަސް ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އެ ހައްގުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަަގަކުރެއްވޭ ކަމަށެވެ. އެހެންކަމުން އެ ހައްގުތަކަށް ރައްކާތެރިވެ އެކުދިންގެ ހައްގުތައް ހޯދައިދިނުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

"މުޅި ދުނިޔެއަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއަށް ކުރޭ. އެހެންކަމުން ގައުމުގައި ހިނގާ ކަންތައްތަކާ މެދު ވިސްނައި ދަރިންގެ ހައްގުގައި ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި އިތުރު ސަމާލުކަމެއް އަޅުގަނޑުމެން ދޭން ޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު އަމަލުކުރަން ފެށި ކުޑަކުދިންގެ ގާނޫނުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން އެކުދިންނަށް ލިބިގެންވާ ހައްގުތަކާއި ޒިންމާތައް ކަނޑައަޅާފައިވެއެވެ. އަދި ކުޑަކުދިންނާއި ގުޅޭ ގޮތުން އާއިލާއާއި ޖަމާއަތާއި ދަައުލަތާއި، އެހެނިހެން ފަރާތްތަކުގެ މައްޗަށް ވެސް ވަކި ޒިންމާތަކެއް އެ ގާނޫނުން ލާޒިމުކޮށްފައި ވެއެވެ. މި ޤާނޫނު ތަސްދީގުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.