ޚަބަރު

ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތް އިފްތިތާހު ކޮށްފި

އަހުމަދު އައުފް އަބްދުލް ސަމަދު

"މަސަލަސް ރާއްޖެ" ނަމުގައި އިލެކްޝަންސްކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ހަރަކާތް އިފްތިތާހު ކޮށްދެއްވީ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި ހައްގުތައް ހޯދުމާއި ރައްކާތެރިކުރުުމުގައި ކުރަން ޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް މިއަދު ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އާ ގާނޫނު އަސާސީގެ ދަށުން ލިބުނު ހައްގުތައް ކަމަށެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން ވެސް މި ހައްގުތައް ރައްކާތެރިކޮށް އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހައްގުތަކެއް ވާކަމުގައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތަށް އަނެކާގެ ހައްގުތަކެއްވެސް ވާކަން އަޅުގަނޑުމެން ގަބޫލުކޮށް އަބަދުވެސް އެހެންމީހުންގެ ހައްގުތަކަށް އަޅުގަނޑުމެން ހުރުމަތްތެރިކޮށް ހިތަން ޖެހޭ. އަދި އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ވާން ޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތައް މިއަދު ތިބީ ހުރިހައި ރައްޔިތުންގެ ލާބައާއި ރައްކާތެރިކަމަށް ޓަކައި ކުރަން ޖެހުނު ހުރިހައި ކަމެއް ކުރުމަށް ކަމަށާއި މި ސަރުކާރުގައި ވަކި މީހަކަށް ވީތީވެ ވަކި މީހަކު ކުރާ ކަންތައް ނުފޮރުވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިއީ ގާނޫނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެބައެއްގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ހޭލުންތެރިކުރުމުގެ ޒިންމާ ހިމެނިފައިވާ ހުރިހައި މުއައްސަސާތަކަކަށް ދައުވަތު ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން މި ހަރަކާތުގައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތައް ހިމެނޭ ގޮތަށް ޖުމުލަ 17 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މާލޭގެ އިތުރުން އައްޑޫ ސީޓީ އާއި ކުޅުދުށްފުށި ސިޓީގައި ވެސް މި ހަރަކާތުގެ ބައެއް މިއަދު ކުރިއަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.