ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދ. ރިނބުދުއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު އެމަނިކުފާނު ވަނީ އެރަށުގެ ފުޓްސެލް ދަނޑު ހުޅުއްވައިދެއްވައިފައެވެ. މީގެއިތުރުން ރިނބުދޫ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް ހަފުލާ ވެސް އެމަނިކުފާނުވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި އެރަށުގައި ގާއިމްކޮށްފައިވާ ސަގާފީ މަގު ހުޅުއްވައިދެއްވައި، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެއް ކަމަށްވާ "މަރިޔަންމާ" ކެމްޕެއިން ވެސް އެމަނިކުފާނުވަނީ އިފްތިތާހުކޮށްދެއްވާފައެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވައިފައެވެ.