ޚަބަރު

ޓްރާންސްޕޯޓުން ވަކި ކުރި ނުވަ މުވައްޒަފެއްގެ މަގާމަށް މީހުން ނެގުން މަޑުޖައްސާލަން ޓްރައިބިޔުނަލުން އަމުރުކޮށްފި

މަރިޔަމް ޝަހުދާ

ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ކުރި ނުވަ މުވައްޒަފެއްގެ މަގާމަށް މީހުން ނެގުން މަޑުޖައްސާލުމަށް ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލުން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފި އެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލުން މި ގޮތަށް އަމުރު ކުރީ ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ކުރި 11 މުވައްޒަފުންގެ ތެރެއިން، ނުވަ މުވައްޒަފަކު އެ މީހުން ވަކި ކުރި މައްސަލަ ހުށަހަޅައި ވަގުތީ އަމުރަކަށް އެދުމާއި ގުޅިގެންނެވެ.

ޓްރައިބިއުނަލް އިން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ނެރެފައިވާ އަމުރުގައި މި އަމުރު ނެރެފައި ވަނީ މި ނުވަ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ ނިމުމުގެ ކުރިން އެ މުވައްޒަފުން އަދާކުރި މަގާމުތަކަށް އެހެން ފަރާތްތަކެއް ހަމަޖައްސައިފި ނަމަ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ހައްގު ގެއްލި ޓްރައިބިއުނަލް އިން ނިންމާ ނިންމުމުގެ ބާރު ކެނޑިގެންދާނެތީ ކަމަށް ބުނެފައިވެއެވެ. އަދި މިއަމުރު ނެރެފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން އެކަމަށް އެދިފައިވާތީ ޝަރުއީ އަދި ގާނޫނީ ގޮތުން ބެލުމަށްފަހު ކަމަށް ޓްރައިބިއުނަލުން ބުނެފައިވެއެވެ.

އެގޮތުން ވަގުތީ އަމުރެއް ނެރެވޭނީ އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެގެން ވުމުން ނުވަތަ ވަގުތީ އަމުރަކާނުލައި އަސްލު ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމުގެ އިތުރުން ވަގުތީ އަމުރަކަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަން އެނގެން އޮތުން، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ވަގުތީ އަމުރު ނެރެވޭނެ ޝަރުތު ތަކުގައި ތެރޭގައި ހިމެނޭ ކަމަށް ޓްރައިބިއުނަލުން ބުނެއެވެ.

މަގާމުން ވަކިކޮށްފައިވާ ނުވަ މުވައްޒަފުންގެ ވަޒީފާތަކަކީ އެ މަގާމުތަކުގައި މުވައްޒަފެއް ނެތުމުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވާނެ ފަދަ މަގާމު ތަކަކަށް ވުމުން މިއީ މިކަމުގައި ރައްޔިތުންގެ މަސްލަހަތު އޮންނަ ކަމެއްކަން މައްސަލަ ރައްދުވާ ފަރާތުން ފާހަގަ ކުރި ކަމަށް ޓްރައިބިއުނަލްގެ އަމުރުގައި ވެއެވެ. ޓްރައިބިއުނަލުން މިކަމާ ގުޅިގެން ވަނީ ސިވިލް ސާވިސްގެ ވަޒީފާތަކުގައި މީހުން ގެންގުޅުމުގެ އުސޫލުގެ ދަށުން އެ މަގާމުތަކަށް ދާއިމީ މުވައްޒަފުން ނުނަގައިވެސް ހިދުމަތް ދިނުމުގައި މެދުނުކެނޑި މަސައްކަތް ރޭވުމުގެ އިހުތިޔާރާއި ބާރު ސިވިލް ސާވިސްއަށް ލިބިފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން ނުވަ ފަރާތަކުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން އެމީހުން އަދާކުރަމުން ދިޔަ ވަޒީފާގެ މަގާމުތަކަށް ދާއިމީ ގޮތެއްގައި އެއްވެސް މީހަކު އައްޔަން ނުކުރުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ. އަދި އެމަގާމުތަކަށް މީހުން އައްޔަން ކުރުމުގެ މަސައްކަތެއް ކުރަމުން އަންނަ ނަމަ، އެމައްސައްކަތްތައް މަޑުޖައްސާލުމަށާއި، ޓްރައިބިއުނަލުގައި އޮތް މައްސަލައިގައި ނިންމާ ނިންމުމެއްގެ ބާރު ކެނޑޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ޓްރައިބިއުނަލުގެ އަމުރުގައި ވެއެވެ.

ހާޒިރީގެ މައްސަލަޖެހިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ 11 މުވައްޒަފަކު ވަޒީފާއިން ވަކިކުރީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މީގެ ތެރެއިން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ ނުވަ މުވައްޒަފެކެވެ.