ޚަބަރު

ރިނބުދޫ ފުޓްސަލް ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

އައިދާ އަބްދުލް ހަކީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދ. ރިނބުދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ފުޓްސަދަނޑު ރައީސް ހުޅުއްވައިދެއްވީ މިއަދު އެރަށުގެ ފުޓުސަލްދަނޑު ސަރަހައްދުގައި ބޭއްވި ރަސްމަިއްޔާތެއްގައެވެ.

ރައީސް ސޯލިހް ރިނބުދޫއަށް ކުރެއްވި މި ދަތުރުފުޅަކީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަފުލާ ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ. ރިނބުދޫ ސްކޫލުގެ ރަންޔޫބީލް ހަފުލާ ރައީސް ސޯލިހު ވަނީ ރޭ ޝަރަފުވެރިކޮށްދެއްވައިފައެވެ.

ރައީސްގެ މިދަތުރުފުޅުގައި އިއްޔެ ވަނީ އެރަށު ސަގާފީ މަގު އިފްތިތާހުކޮށްދެއްވައި، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެއް ކަމަށްވާ "މަރިޔަންމާ" ކެމްޕެއިން އިފްތިތާހުކޮށްދެއްވައިފައެވެ. ރައީސް އިއްޔެ ހުޅުވައިދެއްވި ސަގާފީ މަގަކީ ކުރެހުންތެރިންގެ ހުނަރުތަކާއެކު އެރަށުގެ ސަގާފަތް އަދި މަސައްކަތްތެރިކަމާއި ރަށާ ގުޅޭ "ފޯކުލޯ"ތައް ވެސް ދައްކުވައިދޭ މަގެކެވެ.

މިމަގަކީ ރިނބުދޫގައި ލޯކަލް ޓުއަރިޒަމް ތަރައްގީކުރުމަށް ކުރިޔަށް ގެންދާ ޕްލޭންގެ ދަށުން ހުޅުވި މަގެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިމަގުގައި ފެންނަންހުރި ކުރެހުންތަކަކީ ކައުންސިލާ ގުޅިގެން މޯލްޑިވްސް އާޓީސްޓް ކޮމިއުނިޓީގެ ކުރެހުންތެރިން ކުރަހާފައިވާ ކުރެހުންތަކެކެވެ. މި ކުރެހުންތަކުގެ އިތުރުން އިއްޔެ އެމަގުގައި ކުރިޔަށްގެންދިޔަ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދޭ ހަރަކާތްތަކާއި ސަގާފީ ހަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ މޯލްޑިވްސް އާޓިސްޓު ކޮމިއުނިޓީގެ ކުރެހުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. ރިނބުދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު ވަނީ މިއަދު ހެނދުނު މާލެ ވަޑައިގެންފައެވެ.