ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާއާއި އެދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒާ ދެމެދު ދާއިރާއާ ގުޅޭ ގޮތުން ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
މި ދެބޭފުޅުންގެ މެދުގައި ދެބަސްވުން ހިނގާފައިވަނީ ދާއިރާގެ ކަންކަން ހިނގަމުން އަންނަ ގޮތާއި މެދު މުސްތަފާ ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.
މުސްތަފާ ވަނީ ތ. ވޭމަންޑޫ ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަދުވަސްފެފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި އެމްޕީ ކޮބާތޯ ސުވާލު ކުރައްވާފައެވެ. މީގެ އިތުރުން މަޖިލީހުގައި "ޝޯއެއް" ކުޅުމަކީ ރައްޔިތުންގެ ހައްގުތައް ހޯދުން ނޫން ކަމަށާއި، ރައްޔިތުންގެ ކަންކަމާއި ހަވާލުވުމަށްފަހު އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް ނުދުވެވޭނެ ކަމަށް މުސްތަފާ ވިދާޅުވެފައި ވެއެވެ.
މުސްތަފާގެ ވާހަކަޔަށް ރައްދު ދެއްވައި ރިޔާޒް ވަނީ މި ސަރުކާރުން ވޭމަންޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މުސްތަފާއަށް އަމާޒުކޮށް ރިޔާޒު ވިދާޅުވީ ރައްޔިތުން ނިންމަވާފައިވަނީ 19ވަނަ މަޖިލީހުގެ "ޝޯ" ބެއްލެވުމަށް މުސްތަފާ ޓީވީ ކައިރީގައި ހުންނެވުމަށް ކަމަށެވެ. އަދި މުސްތަފާގެ އަމިއްލަ ވިޔަފާރިއަށް ދިމާވެފައިވާ ދަތިތައް ހައްލު ވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރިޔާޒް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ވޭމަންޑޫ-ކިނބިދޫ ކޯސްވޭގެ ކަންކަމާއި ގުޅިގެންވެސް މުސްތަފާ ވަނީ ރިޔާޒަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގައި ކޯސްވޭގެ ވާހަކަ ރިޔާޒު ދައްކަވާފައިވަނީ ވޭމަންޑޫ ރައްޔިތުންނަށް ދަޅަ ދެއްކުމަށް ކަމަށް މުސްތަފާ ތުހުމަތު ކުރައްވާފައި ވެއެވެ. އަދި ރިޔާޒް ކޯސްވޭގެ ވާހަކަ ދައްކަވާއިރު އެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށް ވެސް މުސްތަފާ ވިދާޅުވެފައި ވެއެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރުކަން ރިޔާޒު ކާމިޔާބު ކުރައްވާފައިވަނީ ޖޭޕީގެ ޓިކެޓުގައި ވާދަކޮށް، އެ ދާއިރާގެ ކުރީގެ މެންބަރު މުސްތަފާ ބަލިކުރައްވައިގެންނެވެ.