ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ އަތުން ޖަރުމަނުގެ އާރްބީ ލައިޕްޒިގު މުހިންމު މޮޅެއް ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ރަނަރަޕް ޓޮޓެންހަމްއާ ދެކޮޅަށް ރަށުން ބޭރުގައި ރޭ ކުޅުނު ފުރަތަމަ ލެގު މެޗުން ލައިޕްޒިގް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ލައިޕްޒިގެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޓިމޯ ވާނާ ފޮނުވާލި ހަމަލާ ބްލޮކްވި ނަމަވެސް، ރީބައުސް ބޯޅައިން އެންޖެލީނޯ ފޮނުވާލި ހަމަލާ އަމާޒުވީ ޓޮޓެންހަމްގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ވާނާއަށް ލިބުނު އިތުރު ފުރުސަތަކުން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްއެވެ.
މެޗުގެ ހަތްވަނަ މިނެޓުގައި ޓޮޓެންހަމްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޖިއޮވާނީ ލޮ ސެލްސޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ސްޓީވަން ބާގްވިން ފޮނުވާލި ހަމަލާ، ލައިޕްޒިގްގެ ކީޕަރު ޕީޓާ ގުލާޗީ ވަނީ މަތަކޮށްފައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ލައިޕްޒިގަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކޮންރެޑް ލައިމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ވާނާ ފޮނުވާލި ހަމަލާ، ޓޮޓެންހަމްގެ ކީޕަރު ލޮރިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ލައިޕްޒިގުން ލީޑު ހޯދީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ލައިޕްޒިގަށް އެ ޕެނަލްޓީ ލިބުނީ ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލައިމާއަށް ބެން ޑޭވީސް ކުރި ފައުލަކާ ގުޅިގެންނެވެ. ލައިޕްޒިގުގެ ޕެނަލްޓީ ކާމިޔާބުކޮށްދީ، އެޓީމަށް ލީޑު ހޯދައިދިނީ ވާނާއެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ލައިޕްޒިގަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި އެންޖެލީނޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ހުސްކޮށް ހުރެ ޕެޓްރިކް ޝިކް ފޮނުވާލި ބާރު ހަމަލާ، ޓޮޓެންހަމްގެ ކީޕަރު ލޮރިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ލޮ ސެލްސޯ ފޮނުވާލި ހަމަލާ، ލައިޕްޒިގުގެ ކީޕަރު ގުލާޗީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމުން ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ލައިޕްޒިގާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލައިޕްޒިގުގެ ދަނޑުގައެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރޭ ކުޅުނު އަނެއް މެޗުގައި އިޓަލީގެ އެޓަލާންޓާ އިން ވަނީ ސްޕެއިންގެ ވެލެންސިއާ ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުން އެޓަލާންޓާ މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެޓަލާންޓާ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ހާންސް ހޭޓްބޯ ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯސިޕް އިލިޗިޗް އާއި ރެމޯ ފްރޫލާއެވެ. އަދި މެޗުގައި ވެލެންސިއާ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަޝިއާ މިޑްފީލްޑަރު ޑެނިސް ޗެރިޝެފްއެވެ.