ކުރީ ސަރުކާރުގައި ކުންފުނިތަކުގެ ބޯޑުތަކަށް އެއްވެސް މިނިވަންކަމެއް ނެތް ކަމަށާއި ނަމަވެސް ކުންފުނިތައް ސީދާ ސަރުކާރުން ވިލަރެސްކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ، ސީޕްލޭން ޓާމިނަލް އެމްއޭސީއެލުން ހިންގައި ނިންމައި، އެކަމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގަ އެވެ.
މިނިސްޓަ ވިދާޅުވީ ކުންފުނިތަކުގެ މެނޭޖުމަންޓްތަކަކީ ވަކި ގާނޫނީ ޝަހުސެއް ކަމަށެވެ.
އެގޮތަށް މިނިސްޓްރީއެއްގެ ދަށުގައި ވިލަރެސްކުރާ ގޮތަށް އޮތުމުން ކުންފުނިތަކުން ކުރިއަށް ގެންދާ މަސައްކަތްތަަކަށް ދަތިތަކެއް ދިމާވާ ކަމަށާއި އެހެންކަމުން އެކަންތައްތައް ކުރިއަށް ގެންދާނީ ކުންފުނިތަކުގެ ބޯޑުން ކަމަށް ވެސް މިނިސްޓަ ފައްޔާޒް ވިދާޅުވިއެވެ.
"ސަރުކާރުގެ ހިއްސާ ވަކި މިންވަރަކަށް އޮންނަ ކުންފުނިތަކުގައި ސަރުކާރުން ބޭނުންވާ ކަންކަމުގައި ސަރުކާރުގެ ހިއްސާދާރުގެ ހައިސިއްޔަތުން މިނިސްޓަރުން ބުނަން ޖެހުނު އެއްޗެއް ބުނަމުން ގެންދާނީ. ނަމަވެސް ވިލަރެސްކުރުމަށް ވަކި މިނިސްޓަރެއް ކަނޑައެޅިފައެއް ނޯންނާނެ."
ހަމައެހެންމެ ބައެއް ކުންފުނިތަކަކީ ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތްތައް ވެސް ކުރާ ކުންފުނިތަކަށް ވުމުން މިނިސްޓްރީތަކުން އެކުންފުނިތައް ބަލަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކުރި ސީޕްލޭން ޓާމިނަލް ކުއްޔަށް ދީގެން ހިންގުމުގެ ވިސްނުން ކުރީ ސަރުކާރުން ނުގެންގުޅުނު ނަމަވެސް، މި ސަރުކާރުން މިހާރު ނިންމާފައި ވަނީ އެތަން އަމިއްލައަށް ހިންގަންށެވެ. އެ ގޮތުން އެ ކަމަށް އެމްއޭސީއެލް ތައްޔާރުވުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ސަރުކާރުން މިހާރު ވަނީ ދީފަ އެވެ.