ޚަބަރު

މާލޭގެ މޭޔަރު ކަމަށް ވާދަކުރަން މުއިއްޒު ފޯމް ހުށަހަޅައިފި

އަލީ ޔާމިން

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފޯމް ހުށަހަޅުއްވައިފިއެވެ.

ޑރ. މުއިއްޒުގެ ފަރާތުން މި ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުންނެވެ. މާލެ ސިޓީގެ މޭޔަރަކަށް އިދިކޮޅުން ނެރޭނީ މުއިއްޒު ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އިއުލާނުކުރައްވައިފައެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރުމާ ގުޅޭގޮތުން މިހާތަނަށް މުއިއްޒު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވަނީ އެކަން ޔަގީންކޮށްދީފައެވެ.

ކައުންސިލް އިންތިހާބުގައި މާލެ ސިޓީއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އަދި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ މަޖިލީސް މެންބަރު އަލްހާން ފަހުމީ ވެސް ވަނީ ފޯމް ވަނީ ހުށަހަޅުއްވައިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިމަހުގެ ހަވަނަ ދުވަހު ބޭއްވި މިއަހަރުގެ ފުރަތަމަ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ މައްސަލަތަކެއް ބަލަން ފަށަނީ މާލޭގެ މޭޔަރު ކަމަށް ނުކުމެދާނެ ކަމަށް ދެކިގެން ކަމަށެވެ.