ޚަބަރު

އޭސީސީގެ ކުރީގެ މެމްބަރުންގެ މައްސަލަތަކެއް މިހާރުގެ ކޮމިޝަނުން ބަލަނީ

1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެމްބަރުންގެ މައްސަލަތަކެއް މިހާރު އޮތް ކޮމިޝަނުން ބަލަމުންދާ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ނިމިދިޔަ ދައުރުގައި ތިބި އޭސީސީގެ މެމްބަރުންގެ މައްޗަށް ގިނަ ތުހުމަތުތަކާއި ޝަކުވާތަކެއް ކުރެވުނުއިރު އެ މެންބަރުންގެ އެއްވެސް މައްސަލަތަކެއް ބަލަމުންދޭތޯ އުޝާމް ސުވާލު ކުރުމުން ޝިއުނާ ވިދާޅުވީ، އެފަދަ މައްސަލަތަކެއް ބަލަމުންދާ ކަމަށާއި ނަމަވެސް ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

އޭސީސީގެ ކުރީގެ މެންބަރުންގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް އޭސީސީން މިއަދު ހާމަކުރިއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އޭސީސީގެ މެންބަރުން ރިޝްވަތު ނަންގަވާކަމުގެ ތުހުމަތުތަކެއް ކުރެވުނެވެ.

ހާއްސަކޮށް އޭރު ކޮމިޝަންގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ކުރެވުނެވެ. އެ ތުހުމަތުތައް ފެންމަތިވުމާއެކު ޗުއްޓީއެއް ނެންގެވުމަށްފަހު، ލުތުފީ އޭސީސީގެ ވަޒީފާއަށް ނުނިކުމެ ދިރިއުޅެމުން ގެންދެވީ އާއިލާއާއެކު ރާއްޖެއިން ބޭރުގައެވެ.

އެ މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ލުތުފީ ވަކިކުރަން ފެންނަކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ލުތުފީ ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މިއަދުގެ ކޮމިޓީގައި މުވައްޒަފުންނަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވާފަދަ މުވައްޒަފު މިހާރު އޭސީސީގައި އެބަތިބިތޯ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ، އެފަދަ މުވައްޒަފަކު ކޮމިޝަންގައި މިހާރު ނުހުންނާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟