ޚަބަރު

އިބްތިހާލުގެ މައްސަލައިގައި އާފިޔާގެ ފިރިމީހާ ވެސް ހެކިބަސް ދިނީ އޭނާއާ ދެކޮޅަށް

އަލީ ޔާމިން

އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި، ދައުލަތުން ދައުވާ އުފުލާފައިވާ އެކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކު ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި، އޭނާގެ ފިރިމީހާ ވެސް އޭނާއާ ދެކޮޅަށް ހެކިބަސް ދީފިއެވެ.

އިބްތިހާލް މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި ކުއްޖަކު މަރާލުމާއި، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު އޮތީ އާފިޔާގެ ފިރިމީހާ އަދި އިބްތިހާލްގެ ދޮން ބައްޕަ، އިބްރާހިމް ޝަފީގުގެ ހެކިބަސް ނެގުމެވެ. ޝަފީގަކީ ދައުލަތުގެ ފަރާތުން ވެސް އަދި އާފިޔާގެ ފަރާތުން ވެސް ހުށަހަޅާފައިވާ ހެއްކެކެވެ. މިއަދު ކުރިމިނަލް ކޯޓުގައި ޝަފީގް ހެކިބަސް ދީފައިވަނީ ށ. ފުނަދޫ ކޯޓުގައި ހުރެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ޝަރީއަތުގެ މަޖިލީހުގައި ޝަފީގު ވަނީ އިބްތިހާލާމެދު ކަންތައް ކުރާ ގޮތް ކިޔައިދީފައެވެ.

އެގޮތުން ފެރީއެއްގައި މަސައްކަތްކުރާ ޝަފީގު ބުނީ، ފެރީގައި މަސައްކަތް ކުރުމަށްފަހު ގެއަށް ދަނީ ހަވީރު ކަމަށާއި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވެސް އޭނާ ގެއަށްދާއިރު އިބްތިހާލް އިންނާނީ ބަނޑުހައިވެފަ ކަމަށެވެ. އެހެންވެގެން ގެންނަ ކާއެއްޗެހި ކޮތަޅުން ނުނެގެނީސް އިބްތިހާލް އެ އެއްޗެހި އަތުލާ ކަމަށް އޭނާ ބުންޏެވެ. އަދި ގިނަ ދުވަސް ދުވަހު އިބްތިހާލް ބަހައްޓާފައި ހުންނަނީ ފެން ވެސް ނުވަރުވައި ހަމައެކަނި ނެޕީއެއް ޖައްސުވާފައިވާ ކަމަށް ވެސް އިބްތިހާލުގެ ބައްޕަ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ، އިބްތިހާލަކީ ގެންގުޅެން އުނދަގޫ ކުއްޖެއް ނޫން ނަމަވެސް، އިބްތިހާލުގެ ހުރިހާ ކަމެއްގައި ވެސް އާފިޔާ އިހުމާލުވި ކަމަށެވެ. އެގޮތުން އިބްތިހާލް ފިޔަވައި އޭނާގެ އެހެން ދަރިންނަށް އާފިޔާ ވަރަށް ރަނގަޅަށް ކަންތައް ކޮށްދޭ ކަމަށާއި އާފިޔާ އިބްތިހާލަށް އަނިޔާ ކުރާތަން ފެނިފައި ނުވާ ކަމަށް ޝަފީގު ބުންޏެވެ.

ނަމަވެސް އިބްތިހާލްގެ ހަށިގަނޑުގައި ނޫފައިގެންފައި ހުންނަ ތަންތަން ފެނުމުން ބައެއް ފަހަރު މަންމަ ޖެހީ ކަމަށް އިބްތިހާލު ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އިބްތިހާލާމެދު އާފިޔާ އަމަލު ކުރަމުންދިޔަ ހަރުކަށި ގޮތުގެ ސަބަބުން ބައެއް ދުވަސް ދުވަހު މަސައްކަތަށް ދާއިރު އިބްތިހާލު ގޮވައިގެންދާ ކަމަށާއި އެފަދަ ދުވަސް ދުވަހު އަނބުރާ ގެއަށް ނުދާން އިބްތިހާލު އުޅޭ ކަމަށް ވެސް އޭނާ ޝަރީއަތަށް ޝަފީގު ކިޔައިދިނެވެ.

ޝަފީގަކީ އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ހަމައެކަނި ފަރާތެވެ. އެހެންކަމުން ޝަރީއަތުން ވަނީ ޝަފީގާ ސުވާލު ކުރުމުގެ ފުރުސަތު އާފިޔާއަށް ވެސް ދީފައެވެ. ނަމަވެސް އާފިޔާ ބުނީ ޝަފީގާ ކުރާނެ ސުވާލެއް ނެތް ކަމަށާއި ޝަފީގު ކޯޓުގައި ހެދީ ހުސް ދޮގު ކަމަށެވެ.

ޝަފީގުގެ ހެކިބަހާއެކު، އެ މައްސަލައިގައި ހެކިބަސް ނެގުން މިހާރު ވަނީ ނިމިފައެވެ. ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ ހަފްތާގައި ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާޗު މަހުގެ އަށް ވަނަ ދުވަހުއެވެ.

މީގެ ކުރިން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް ބުނެ އެކަމަށް އިންކާރު ކޮށްފައެވެ. އަދި ބުނީ ކުރިން އިއުތިރާފުވީ ޖަލު އޮފިސަރުން އޭނާއަށް ވަޅިން ބިރު ދެއްކުމުން ކަމަށެވެ.