ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ޒަމާނީ ތައުލީމު އުނގެނި، އިޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގައި ހުނަރުވެރި ޖީލެއް ބިނާކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދ. ރިނބުދޫ ސުކޫލަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް ފާހަގަކުރުމަށް އެ ސުކޫލުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ދަރިންނަށް ކިޔަވައިދިނުމަކީ ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެހި، ދައުލަތުގެ ބަޖެޓުގެ އެންމެ މަތީ ޕަސެންޓެއް މިހާރު ހާއްސަ ކުރެވިފައިވަނީ ދަރިންނަށް ތައުލީމު ދިނުމަށް ކަމަށެވެ.
އެގޮތަށް ސަރުކާރުގެ ތައުލީމީ ސިޔާސަތު ބަދަލުކުރީ ވަރަށް ގިނަ ކަންތައްތަކަށް ވިސްނުމަށްފަހު އަދި ވަރަށް މަތިވެރި މަގުސަދެއް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށާއި އެއީ ރާއްޖެ ހަލުވިމިނުގައި ތަރައްގީކޮށް ކުރިއެރުވުމަށް ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.
ދުނިޔެއަށް އަންނަ ބަދަލުތަކާއި ތަރައްގީއާ އެއް ހަމައެއްގައި އިގްތިސާދީ ދުވެލި ބެހެއްޓޭނީ ދަރިންނަށް ޒަމާނީ ތައުލީމު އުނގަންނައި ދީގެންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މިއަދު ދަރިންނަށް ދޭންވާނީ މިޒަމާނުގެ ތައުލީމު ކަމަށެވެ. އަދި މި ޒަމާނުގައި މަސައްކަތްތެރިކަމާއި ފަންނުވެރިކަން ވެސް ކުރިއަރަމުން އަންނަނީ ތައުލީމީ ފަލްސަފާގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
"މިއީ ވަކި ގުރޭޑަކުން ދަރިފުޅު ވަކިކޮށް މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫން. އަދި މިއީ މަސައްކަތެއް ދަސްކޮށްނުދީ ހަމައެކަނި ސުކޫލުގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއް ވެސް ނޫން. މިޒަމާނުގެ ތައުލީމަކީ މަސައްކަތުގެ ހުނަރާއެކުގައި އުނގުނޭ ތައުލީމެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސުކޫލް މަރުހަލާގެ އެންމެ މުހިންމު އެއް ކަމަކީ ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނަގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން ކަމަށެވެ.
އެގޮތުން ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ޒަމާނީ ތައުލީމު އުނގެނި، އިޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގައި ހުނަރުވެރި ޖީލެއް ބިނާކުރުން ކަމަށާއި ސާނަވީ އާއި މަތީ ސާނަވީ ތައުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ވަރަށް ގިނަ ގައުމުތަކުގެ ޔުނވިާސިޓީތަކުން ކިޔަވޭނެ އިންތިޒާމް ހަމަޖައްސައިދިނީ ވެސް އެ މަގުސަދު ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ދަރިވަރަކު ވެސް އަމާޒު ހިފަންފީ ސުކޫލް މަރުހަލާ ނިންމުމަށްފަހު ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކޮށް ގައުމުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވާނެ ޒުވާނަކަށް ވުމަށް. ގައުމު މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކަކަށް،" ރައީސް ވިދާޅުވިއެވެ.