ޚަބަރު

ދައުލަތުގެ ކަންކަން ގާތުން ބަލާތީ ރައީސް ނަޝީދުގެ ތައުރީފު އޭސީސީއަށް

އަލީ ޔާމިން

1

ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން ރަނގަޅަށް ބެއްލެވުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރައްވާ ވަރަށް ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކޮމިޝަނަށް ތައުރީފު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ދަތުރުފުޅަކަށް އިތުރަށް ހަރަދު ކުރެއްވި 444 ރުފިޔާ ހޯދަން އޭސީސީން މިއަދު އަންގާފައިވަނިކޮށެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން ރަނގަޅަށް ބެއްލެވުމަކީ އެމަނިކުފާނު ދެކޭގޮތުގައި އޭސީސީން ކުރައްވާ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ރަނގަޅަށް ބައްލަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަކަށް އިތުރަށް ހަރަދު ކުރެއްވި 444 ރުފިޔާ އެމަނިކުފާނުގެ އަތްޕުޅުން ހޯއްދެވުމަށް އަންގައި މަޖިލީހުގެ އިދާރާއަށް އޭސީސީން މިއަދު ފޮނުވި އެންގުމުގައި ބުނެފައިވަނީ ގއ. ވިލިނގިލީގައި ބޭއްވި "ދެކުނުގެ މަހާސިންތާ" ނިންމާލުމަށްފަހު ރައީސް ނަޝީދު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސީޓީއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރު، ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1،333 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެދުވަހު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1،222 ކަމާއި މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ދަތުރު ކުރެއްވުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދު ކުރައްވާފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ދޭންޖެހޭ ކަމަށެވެ.

އެހެންކަމުން އެފައިސާ ދެއްކުމަށްފަހު އެކަން ކޮމިޝަނަށް އެންގުމަށް އޭސީސީގެ އެންގުމުގައި ބުނެފައިވެއެވެ.

އެ އެންގުން މަޖިލީހަށް އިއްވެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ، އެ ނިންމުމަށް ޗެލެންޖްވެސް ކުރެވިދާނެ ކަމަށާއި، އެ ފައިސާވެސް ދެއްކި ދާނެ ކަަމަށެވެ. ނަމަވެސް އެ ނިންމުމަށް އޭސީސީއަށް މަޖިލީހުން ޗެލެންޖު ކުރާނަމަ ވަކީލުންގެ ކަންތައްތަކަށާއި އެކަމާގުޅޭ އެކި ކަންތައްތަކަށް ބޮޑު ހަރަދެއް ދާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެެގޮތަށް ނިންމަވާނީ މަޖިލިސް މެންބަރުންނަށް ފެނިވަޑައިގަންނަވާ ނަމަ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެނަބަރުން އެ ފައިސާ ދައްކަވަން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަ ދެއްކެވީ އެ ނިންމުމަށް ޗެލެންޖު ކުރެއްވުމަށެވެ. އެ ދެ މެންބަރުންނަށް ތާއީދު ކުރައްވައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވާހަކަ ދެއްކެވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟