ރައްޔިތުން މަޖިލީގުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފް އެއްވެސް ޝަރުތަކާ ނުލާ ގޭ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މަހުލޫފު ދޫކޮށްލުމަށް ކޯޓުން ހުކުމް ކޮށްފައި ވަނީ ދާދި ދެންމެއަކު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުންނެވެ.
ފެބުރުއަރީ މަހުގެ ތިންވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން މަހުލޫފު ހުންނެވީ ގޭ ބަންދުގައެވެ.
މިއަދު ކޯޓަށް ހާޒިރުވުމުގެ ކުރިން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފަހަރު ކޯޓަށް ހާޒިރުވާނީ އުންމީދަކާއެކު ކަމަށެވެ.
ރިޔާސީ އިންތިހާބު އިދިކޮޅު އިއްތިހާދުން ކާމިޔާބުކޮށްފައިވާ އިރު، އިއްޔެވެސް ބައެއް ސިޔާސީ ހައްޔަރީން ކޯޓުން ދޫކޮށްލާފައިވެއެވެ. އެގޮތުން ކުރީގެ ޕޮލިސް ކޮމިޝަނާ އަދި ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒާއި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުވެސް އިއްޔެ ކޯޓުން ވަނީ މިނިވަން ކޮށްފައެވެ.
އޭގެ އިތުރުންވެސް ކުރީގެ ސީޕީ އަހްމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްވެސް އިއްޔެ ކޯޓުން މިނިވަން ކޮށްފައިވެއެވެ.