ޚަބަރު

ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު ގާނޫނީ އެއްވެސް ބަނދެވުމެއް ނެތް: ފައްޔާޒް

އަހުމަދު އައުފް އަބްދުލް ސަމަދު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ގާނޫނީގޮތުން އެއްވެސް އެއްބަސްވުމެއް ހެދިފައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގާ ގޮތަށް ނިންމުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ޓީއެމްއޭ އިން ކޮންމެވެސް ވަރެއްގެ ގާނޫނީ ނުކުތާތަކެއް ފާހަގަކުރާ ކަމަށާއި އެކަންކަމުގައި ގާނޫނީ އެއްވެސް ބުރަދަނެއް ހުރިތޯ ބަލާފައިވާ ކަމަށެވެ.

ކުރިން އެމްއޭސީއެލް އާއި ޓީއެމްއާއާ ދެމެދު ވާހަކަދެކެވެމުން ދިޔައީ އެތަން ޓީއެމްއޭއާ ހަވާލުކުރާ ގޮތަށް ކަމަށާއި ނަމަވެސް އެމްއޭއީއެލް ވިލަރެސްކުރުމާ ހަވާލުވުމާއެކު އާ ސީޕްލޭން ޓާމިނަލް ހިންގާނީ އެމްއޭސީއެލް އިން ކަމަށް ވިދާޅުވެފައިވާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެގޮތަށް އެކަން ނިންމުމުން ޓީއެމްއޭ އިން ކަންބޮޑުވުން ފާޅުކުރި ކަމަށާއި އެހެންކަމުން އެ ކަންބޮޑުވުންތަކާ ބެހޭގޮތުން އެމްއޭސީއެލްއާ ވާހަކަދެއްކުމުގެ ފުރުސަތު ޓީއެމްއޭއަށް ފަހިކޮށްދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާ ދުވަސްވަންދެން ވަކި ގޮތްތަކެއް ނިންމައި އެގްރީމެންޓުގައި ސޮއިނުކޮށް އޮތް އޮތުމަކީ ޓީއެމްއޭގެ ހުރި ކަންބޮޑުވުންތަކެއް. ޓީއެމްއޭ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ފޮރިން އިންވެސްޓަރު. އެހެންވީމަ އަޅުގަނޑުމެން އެވަރުގެ އިންވެސްޓަރަކާ ވާހަކަނުދައްކައި، ކަންބޮޑުވުންތަކަށް ބަލައިނުލައި ގަދަބާރަކުން ކަންކަމެއް ނުނިންމާނެ،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތަށް ބޮޑު މަންފާއެއް ލިބެން އޮތް ކަމެއްގައި ގެއްލުން ބޮޑުވާ ގޮތަށް އަމަލުނުކުރުމަށްޓަކައި އެމްއޭސީއެލުން އާސީޕްލޭން ޓާމިނަލް ހިންގާ ގޮތަށް ނިންމީ ކަމަށާއި ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ސަރުކާރުން ނިންމި ނިންމުމަކީ މިހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ކަމަށެވެ.