ޚަބަރު

ޓާމިނަލާގުޅޭ އިލްޒާމްތައް ކުރީ ސަރުކާރުގެ ބޮލުގައި އަޅުވަނީ އިންތިހާބު ވަކި ގޮތަކަށް އަނބުރާލަން: އިދިކޮޅު

އަލީ ޔާމިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްގީ ކުރަމުންދާ އާ ސީޕްލޭން ޓާމިނަލާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޮލުގައި އިލްޒާމު އަޅުވަނީ، މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތައް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކުރީ ސަރުކާރުން އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރުން ވަކި ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މަސައްކަތްތައް ބަލައި އެކަމާއި ގުޅޭގޮތުން އޭސީސީ ފަދަ މުއައްސަސާތަކުން ފިޔަވަޅު އެޅުން މުހިންމު ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެވާހަކަތަކާ ގުޅިގެން އިދިކޮޅުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސީޕްލޭން ޓާމިނަލާ ގުޅޭގޮތުން މި ސަރުކާރުން ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތެއް ނެތް ކަމަށެވެ.

އެގޮތުން އާ ސީޕްލޭން ވަކި ބަޔަކު ހިންގާ ގޮތަށް ވަކި އަގެއް ކަނޑައަޅައި ވަކި ގޮތަކަށް އެކަން ކުރުމަށް ކުރީ ސަރުކާރުން އެމްއޭސީއެލްއަށް އިރުޝާދުދީފައި ނުވާނެ ކަމަށް ބުނެފައިވެއެވެ.

"ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވާ ވާހަކަ ދައްކަމުންދަނީ މި ސަރުކާރުގެ ދެއުޅިއެއްނުވާ އިގްތިސާދީ ސިޔާސަތަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ އާއި ކުރިއާސް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލައި ރައްޔިތުން އޮޅުވާލުމުގެ ގޮތުން ކަމަށް މި ކޯލިޝަނުން ދެކެމެވެ،" ސަރުކާރުގެ ވާހަކަތައް ކުށްވެރިކޮށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެލެއްވުމަށްފަހު މަސައްކަތް ކުރެއްވީ ރާއްޖޭގެ ވީރާނާވަމުންދިޔަ އިގްތިސާދު ހަމައަކަށް އަޅުއްވައި، ގައުމާއި ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ ސިނާއަތްތައް ދިވެހި ރައްޔިތުންނަށާއި ގައުމަށް މަންފާ އާއި ލާބަ ލިބިނެވި ގޮތަށް ތަރައްގީކޮށް ކުރިއެރުވުމަށް ކަމަށް ބުނެފައިވެއެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ފެންވަރުގައި ރޭޓުކުރެވި، ހާމަކަން ބޮޑު ވެއްޓެއްގައި މާކެޓް ކުރެވި، އިންވެސްޓަރުންގެ އިތުބާރު ގާއިމުކުރެވި އުމްރާނީ ތަރައްގީ ދުވަހަކު ކުރި ނާރާ ވަރަށް ކުރިއަރައިގެން ދިޔަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.