ޚަބަރު

ރައީސް ސޯލިހު ރިނބުދޫ ސަގާފީ މަގު ހުޅުވައިދެއްވައި "މަރިޔަންމާ" ކެމްޕެއިން ފައްޓަވައިދެއްވައިފި

އަލީ ޔާމިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދ. ރިނބުދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އެރަށު ސަގާފީ މަގު އިފްތިތާހުކޮށްދެއްވައި، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ "މަރިޔަންމާ" ކެމްޕެއިން އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް، ރިނބުދުއަށް ކުރައްވާ މި ދަތުރުފުޅަކީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަފްލާ ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ރިނބުދޫ ކައުންސިލުން ބުނީ ރައީސް ސޯލިހު މިއަދު ހުޅުވައިދެއްވި ސަގާފީ މަގަކީ، ކުރެހުންތެރިންގެ ހުނަރުތަކާއެކު އެރަށުގެ ސަގާފަތް އަދި މަސައްކަތްތެރިކަމާއި ރަށާ ގުޅޭ "ފޯކުލޯ"ތައް ވެސް ދައްކުވައިދޭ މަގެއް ކަމަށާއި މިމަގަކީ ރިނބުދޫގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ކުރިއަށްގެންދާ ޕްލޭންގެ ދަށުން ހުޅުވި މަގެއް ކަމަށެވެ.

ރިނބުދޫ ސަގާފީ މަގުގައި ފެންނަން ހުރި ކުރެހުންތަކަކީ ރިނބުދޫ ކައުންސިލާ ގުޅިގެން މޯލްޑިވްސް އާޓީސްޓް ކޮމިއުނިޓީގެ ކުރެހުންތެރިން ކުރަހާފައިވާ ކުރެހުންތަކެކެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އާޓިސްޓު ކޮމިއުނިޓީގެ ކުރެހުންތެރިންނަށް ރައީސް ވަނީ ސެޓްފިކޭޓް ހަވާލުކޮށްދެއްވައިފައެވެ.

މި ކުރެހުންތަކުގެ އިތުރުން މިއަދު އެމަގުގައި ކުރިއަށްގެންދިޔަ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދޭ ހަރަކާތްތަކާ ސަގާފީ ހަރަކާތްތައްވެސް ރައީސް ބައްލަވައިލެއްވިއެވެ.

މިއަދު އިފްތިތާހުކުރި މަރިޔަމްމާ ޕްރޮގްރާމަކީ، އުފަންވެނި ސިއްހަތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ތުއްތު ދަރިންނާއި މާބަނޑު އަންހެނުންނާއިި އެމީހުންގެ ފިރިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމާއި ތަފާތު ހަރަކާތްތައް ކުރިޔަށްގެންދެވޭނެއެވެ. މީގެ އިތުރުން މާލީ ގޮތުންނާއި އެނޫންވެސް މާބަނޑު އަންހެނުންނަށް އިތުރު ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ. މި ޕްރޮގްރާމު ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ މި ޕްރޮގްރާމުގެ ބައިވެރިންނަށް މޭވާ ވަށިގަނޑެއް ހަދިޔާ ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުގެ ފަރާތުން ރައީސަށް ވަނީ ހަނދާނީ ހަދިޔާއެއް ވެސް އަރުވައިފައެވެ.