ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުން މަސައްކަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރުން ވަކިބަޔަކާ ހަވާލުކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކަން އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމަށް ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވާތީ އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރަން ބޭނުންވާ އޮޕަރޭޝަނަލް ޕްލޭނާއި އެކްޝަން ޕްލޭން ވެސް ތައްޔާރުކޮށްފައި ނުވާ ކަމަށެވެ.
އެ ހިދުމަތަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ކުރިއަށްގެންދިއުމުގައި އަސާސީ ހިދުމަތަކަށްވާތީ ހިދުމަތް މެދުނުކެނޑޭކަން ޔަގީންކޮށް، ހިދުމަތުގެ ފެންވަރު ހިފަހައްޓަންޖެހޭތީ އެމްއޭސީއެލުން މުޅި ޓާމިނަލްގެ އޮޕަރޭޝަންސްއާ ހަވާލުވުމަށް ވަގުތުދިނުން މުހިންމު ކަމަށާއި އެގޮތުން އެކަމަށް ދެ އަހަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސީޕްލޭން ޓާމިނަލް ވަކި ފަރާތަކަށް ހަވާލުކުރުމަށް މިގޮތަށް ކޮށްފައިވާ މަސައްކަތްތައް ބަލައި އެކަމާ ގުޅޭގޮތުން އޭސީސީ ފަދަ މުއައްސަސާތަކުން ފިޔަވަޅު އެޅުން މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެން. ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން ކޮރަޕްޝަންގެ އަމަލެއް ހިންގުމަށް މަސައްކަތްކުރުމަކީ ވެސް ކުށެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލްއާއި ޓީއެމްއާ ދެމެދު ވާހަކަދެކެވެމުން ދަނިކޮށް ސީޕްލޭން ޓާމިނަލް ހިންގާނެ ގޮތެއް ކަނޑައަޅަންވާނީ ފިނޭންސް މިނިސްޓްރީއަށް ލިޔެ ހުއްދަ ހޯދުމަށްފަހު ކަން އެމްއޭސީއެލްއަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ.
"މީގެ ބޭނުމަކަށްވީ ސީޕްލޭން ޓާމިނަލަކީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ޕްރޮޖެކްޓެއް ކަމަށްވެފައި ޕްރޮޖެކްޓުން ސަރުކާރަށް ކުރިމަތިވެދާނެ ރިސްކުތައް ކުޑަކުރުމާއި އަދި އެއްވެސް ބަޔަކަށް މި މުއާމަލާތުން ނުހައްގު ފައިދާއެއް ލިބުމުގެ ފުރުސަތު ނުދިނުން،" ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އެމްއޭސީއެލްއާއި ޓީއެމްްއޭއާ ދެމެދު ދެކެވެމުން ދިޔަ ވާހަކަތައް ހުއްޓުވައި އާ ސީޕްލޭން ޓާމިނަލް ހިންގާނީ އެމްއޭސީއެލް އިން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ. މީގެ ސަބަބުން އެމްއޭސީއެލްއަށް އަހަރަކު 33 މިލިއަން ޑޮލަރުގެ ފައިދާއެއްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ކުރީ ސަރުކާރުން ކުރިއަށްގެންދިއުމަށް ބޭނުންވި ގޮތަށް ކުރިއަށް ގެންދިޔަނަމަ އެމްއޭސީއެލްއަށް ލިބޭނެ ކަމަށް އޮޑިޓާ ޖެނެރަލް ލަފާކޮށްފައިވަނީ އަހަރަކު 5.7 މިލިއަން އެމެރިކާ ޑޮލަރެވެ.