ވެލާނާ އިންޓަނޭޝަަލް އެއާޕޯޓުގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ ގޮތަށް ނިންމުމާއި ގުޅިގެން އެކުންފުންޏަށް އަހަރަކު 33.7 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ އެއާޕޯޓު ބޮޑުކުރުމުގެ ޕްލޭން ފުރިހަމަ ކުރުމަށާއި އަދި ޕަސެންޖާ ޓްރެފިކް މެނޭޖް ކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ސަރުކާރުން މިހާރު ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރަން ނިންމާފައިވާ ގޮތުން ފުރަތަމަ ދެ އަހަރު ސީޕްލޭން ޓާމިނަލް ހިންގައިގެން އެމްއޭސީއެލް އަށް އަހަރަކު 33.7 މިލިއަން އެމެރިކާ ޑޮލަރު އަހަރަކު ލިބޭނެ ކަމަށާއި އަދި ދެ އަހަރު ފަހުން އަހަރަކު ޖުމްލަ 47.3 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަަމަަށް ވިދާޅުވިއެވެ.
"ނަމަވެސް ކުރީ ސަރުކާރުން ކުރިއަށް ގެންދިއުމަށް ބޭނުންވި ގޮތަށް ކުރިއަށް ގެންގޮސް ނިންމާލިނަމަ އެމްއޭސީއެލްއަށް ލިބޭނެ ކަމަށް އޮޑިޓަރު ޖެނެރަލް ލަފާކޮފައިވަނީ އަހަރަކު 5.7 މިލިއަން އެމެރިކާ ޑޮލަރު،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ ސީޕްލޭން އޮޕަރޭޓްކުރާ އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އާއި މަންޓާ އެއާއަށް، އެ ކުންފުނިތަކުން މިހާރު ބޭނުން ކުރަމުންދާ ލައުންޖުގެ ޖާގައާ އެއްވަރުގެ ޖާގައެއް އަކަމީޓަރަށް މަހަކު 10.35 އެމެރިކާ ޑޮލަރުގެ ރޭޓުން ކުއްޔަށް ދިނުމަށެވެ. އަދި ބާކީވާ ލަައުންޖު ޖާގަ ޑިމާންޑަށް ބަލައި ޓެންޑަރުގެ އުސޫލުން އެމްއޭސީއެލުން ހުޅުވާލާ ވާދަވެރި މާކެޓް ރޭޓުތަކެއްގައި ދެމެހެއްޓޭނެ ފަދަ ގޮތަކަށް ދޫކުރުމަށެވެ.
އާ ސީޕްލޭން ޓާމިނަލުން އައިލެންްޑް އޭވިއޭޝަނަކަށް ޖާގައެއް ނުދޭނެއެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، އެގޮތަށް ނިންމީ އައިލެންޑް އޭވިއޭޝަނުން މިހާރު ބޭނުން ކުރަމުންދާ ސީޕްލޭން ޓާމިނަލްގެ ޖާގަ ކުރިއަށް އޮތްތަނުގައި ވެސް އެފަރާތުން ބޭނުން ކުރަމުން ގެންދާ ގޮތަށް ހަމަޖެހިފައިވާތީ ކަމަށެވެ.
ނަމަވެސް ކޮންސިޝަނަލް ރޭޓުގައި އެމްއޭސީއެލުން ލައުންޖު ޖާގަ ދޫކުރުމަށް ބިޑަށް ހުޅުވާލުމުން އައިލެންޑް އޭވިއޭޝަނަށް ވެސް ބިޑު ކުރުމުގެ ތެރެއިން އެޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން އަދި 47 މިލިއަން ޑޮލަރުގެ ލޯނަކާއެކު ހަދާ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ އާއެވެ.