ޚަބަރު

އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރާ ހޯމް މިނިސްޓަރު އިމްރާން ބައްދަލު ކުރައްވައިފި

އައިދާ އަބްދުލް ހަކީމް

އިންޑިއާގެ ޝައުދަރު ވަލައްބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އޭޑީޖީޕީ ޝްރިލް އަޓުލް ކަރްވާލްއާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލު ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ ދައުވަތަކަށް މިނިސްޓަރު އިމްރާން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ނަމަވެސް މަޝްވަރާތަކުގެ އިތުރު ތަފްސީލެއް ނުދެއެވެ.

އިންޑިއާއަށް އިއްޔެ ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު އިމްރާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ދަތުރުފުޅުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް އިންޑިއާގެ ފަރާތުން އިތުރު އެހީތެރިކަން ލިބި ދެގައުމުގެ މަސްލަހަތަށް އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ދާހިލީ ސަލާމަތާއި ގުޅުންހުރި ކަންކަމުގައި އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ފަހަކަށް އައިސް ދެގައުމުގެ ގުޅުން ހީނަރުވީ ނަމަވެސް އެގުޅުން މިހާރު ބަދަހިވެ، ދެގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިސްނުމުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު އިމްރާންގެ މި ދަތުރުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ބައިވެރިވެ ވަޑައިގަންނަވައެވެ.