ޚަބަރު

ހޫނު މޫސުމާއި ރޯދައަށް އަމާޒުކޮށް، މާލެއަށް ދޭ ކަރަންޓު އިތުރު ކުރުމަށް އިތުރު ޖަނަރޭޓަރެއް ބަހައްޓަނީ

މަރިޔަމް ޝަހުދާ

ހޫނު މޫސުމާއި ރޯދައަށް އަމާޒުކޮށް، މާލެއަށް ދޭ ކަރަންޓު އިތުރު ކުރުމަށް އިތުރު ޖަނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިންކުރި ޓުވީޓެއްގައި ވަނީ ހޫނު މޫސުމާއި ރޯދަމަހަށް ތައްޔާރުވެ، މާލެއަށް ފޯރުކޮށްދޭ ކަރަންޓު އިތުރުކުރުމަށްޓަކައި އިތުރު 1.6 މެގަވޮޓްގެ ޖެންސެޓެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ސްޓެލްކޯގެ އަމާޒަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނީން ބުނެއެވެ.

ވެރިރަށް މާލޭގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކުގައިވެސް ކަރަންޓު ކެނޑުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވަމުން ދާއިރު އެހެން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޫނު މޫސުމުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް އިތުރު ވެއެވެ.

މިދިޔަ އަހަރުގެ ހޫނުމޫސުމުގައި މާލެއަށް ކަރަންޓުގެ މައްސަލަތައް ދިމާވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ލޯޑު ބޮޑުވާތީ ކަމަށް މިދިޔަ އަހަރު ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ބައެއް ރަށްރަށުގައިވެސް ހޫނު ގަދަވުމުން ލޯޑު ބޮޑުވާތީ ކަރަންޓް ކަނޑާ ކަމަށް މިދިޔަ އަހަރު ސްޓެލްކޯއިން ބުނެފައި ވެއެވެ.