އިންޓަނެޓް ކަނެކްޝަންގެ އެންމެ ފަހުގެ ޖެނެރޭޝަން ކަމަށްވާ "5ޖީ"ގެ ހިދުމަތް ދިރާގަށްފަހު އުރީދޫއިންވެސް ދައްކާލައިފި އެވެ.
އުރީދޫއިން 5ޖީގެ ހިދުމަތް ރާއްޖެއަށް ދައްކާލާފައި ވަނީ އިއްޔެ އެ ކުންފުނީން ހުޅުމާލޭގައި ބޭއްވި "ކަލަރ ރަން" އިވެންޓުގެ ތެރެއިންނެވެ. އެ ހިދުމަތް ދައްކާލާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
އުރީދޫއިން ބުނީ 5 ޖީގެ އީކޯސިސްޓަމް ބިނާ ކުރުމުގައި އުރީދޫ ގްރޫޕްގެ ކުންފުނިތަކުން އަންނަނީ އިސްދައުރެއް އަދާކުރަމުން ކަމަށެވެ.
އުރީދޫއިން އިއްޔެ 5ޖީ ދައްކާލިއިރު ދިރާގުން ވަނީ 5ޖީގެ ހިދުމަތް މިދިޔަ ހަފްތާގައި ދައްކާލައިފައެވެ. ދިރާގުން ބުނިގޮތުގައި އެކުންފުނީގެ 5ޖީގެ ހިދުމަތް 5.07 ޖީބީޕީއެސް އާ ހަމައަށް އަރާނެ އެވެ.
ރާއްޖެއަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީން 5ޖީގެ ހިދުމަތް ދައްކާލި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ރާއްޖޭ އިތުރުން އެ ލިސްޓުގައި ހިމެނެނީ މެލޭޝިއާ، ސިންގަޕޫރު، ހޮންގްކޮންގް އަދި އިންޑިއާއެވެ.