ޚަބަރު

ޗެނަލް13 އާއި ދެކޮޅަށް އިޒްމިއާ ހުށަހެޅި މައްސަލަ ސާބިތު ނުވާކަމަށް ނިންމައިފި

އައިދާ އަބްދުލް ހަކީމް

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު އާއި ގުޅޭގޮތުން ބްރޮޑްކާސްޓިން ގާނޫނާއި ހިލާފު ކޮންޓެންޓެއް ގެނެސްދީފައިވާ ކަމަށް ބުނެ ޗެނަލް13 އާ ދެކޮޅަށް ހުށަހެޅި މައްސަލަ ސާބިތު ނުވާކަމަށް ނިންމައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި އެ މައްސަލައިގައި ވަނީ މިދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހުގެރޭ ޗެނަލް 13 އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމްގައި އިޒްމިއާ ފިރިހެން ނޫސްވެރިންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށާއި އިޒްމިއާ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރި ފަހުން، އޭނާ އަންގައިގެން ފިރިހެން ނޫސްވެރިން ހައްޔަރުކޮށް، އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ބްރޯޑްކޮމް އިން ބުނީ "މަޑިސީލަ" ޕްރޮގްރާމްގައި ދެއްކި ވާހަކަތަކީ ބްރޯޑްކާސްޓް ކުރުމުގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް މައްސަލަ ބެލި ކޮމިޓީ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަން ހަދާފައިވާ ޕޮލިސް މީޑިއާގެ ވަޓްސްއެޕް ގްރޫޕުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗެނަލް13 ގެ ނޫސްވެރިޔަކު ބޭރުކޮށްފައިވާ ކަމަށް އެ ޗެނަލުން ވަނީ ރިޕޯޓް ކޮށްފައެވެ. އެމައްސަލައިގައި އިޒްމިއާ ވިދާޅުވެފައިވަނީ ނޫސްވެރިޔާ ބޭރުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އިޒްމިއާ އަކީ ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާގެ ފުރަތަމަ އަންހެން ތަރުޖަމާނެވެ. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިޒްމިއާ ތަރުޖަމާނަކަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.