ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސެއިން މަޒީދަށް، ޗާޓަޑް އިންސްޓިޓުއުޓް އޮފް އާބިޓްރޭޓަސްގެ މެންބަރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންފިއެވެ.
އެ ދެބޭފުޅުންނަށް މި ފުރުސަތު ލިބިވަޑައިގަތީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ޗާޓަޑް އިންސްޓިޓުއުޓް އޮފް އާބިޓްރޭޓަސް (CIArb) އިން ހިންގާ އެކްސެލެރޭޓަޑް ރޫޓް ޓު މެންބަޝިޕް (އިންޓަރނޭޝަނަލް އާބިޓްރޭޝަން) ގައި ބައިވެރިވެވަޑައިގެން އެ ކޯހުގެ އެގްޒެމިނޭޝަނުން ފާސްވެވަޑައިގެންފައި ވާތީއެވެ.
މި ދެ ބޭފުޅުން މި ކޯހުގައި ބައިވެރިވެވަޑައިގެންފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އަލްއުސްތާޒު ހާތިފް ހިލްމީއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ފަނޑިޔާރު އަލްއުސްތާޒު ހާތިފް ހިލްމީ ވަނީ އެޓަނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓާނީ ކަމާއި މަދަނީ ކޯޓުގެ ގާޒީކަމާއި، ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު ކުރިން ފުރުއްވާފައެވެ.
ފަނޑިޔާރު ހުސައިން މަޒީދަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. 2002 ވަނަ އަހަރުން ފެށިގެން، ގާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރައްވަމަށްފަހު ފަނޑިޔާރެއްގެ ހައިސިއްޔަތުން އެބޭފުޅާ ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތީ 24 މާރޗް 2009 ގައެވެ. އޭގެ ފަހުން ސިވިލް ކޯޓުގެ ގާޒީކަމާއި، އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުވެސް އަދާކުރައްވާފައި ވެއެވެ.
މި ދެ ބޭފުޅުން ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ހައިކޯޓުގައި އިސްފަނޑިޔާރަކާއި އެކު ޖުމްލަ 11 ފަނޑިޔާރުން ތިިއްބަވައެވެ.