ޚަބަރު

އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު މިއަހަރު ގިނަ: އެޗްޕީއޭ

ވޭތުވެދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ބަޔާންކޮށް އެ އޭޖެންސީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައެވެ.

މިިދޔަ އަހަރު ޑިސެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 18969 މީހަކު ކަމަށާއި ނަމަވެސް މިއަހަރު ޖެނުއަރީ މަހު 21248 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން އަރިދަފުސް ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުން ވެސް މިދުވަސްވަރު ރިޕޯޓު ކުރުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެގޮތުން ބޭރަށް ހިންގައި ހޮޑު ލެވޭތީ 5397 މީހަކު މިއަރުގެ ޖެނުއަރީ މަހު ރިޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިޕޯޓުކޮށްފައި ވަނީ 5288 މީހުންނެވެ. ނަމަވެސް ޑެންގީހުން ޖެހިގެން ރިޕޯޓުކުރި މިންވަރު މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު މިހާތަނަށް ވަނީ ދަށް ވެފައެވެ. އެގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހު ޑެންގީހުން ޖެހިގެން 215 މީހަކު ރިޕޯޓުކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހު ރިޕޯޓުކޮށްފައި ވަނީ 70 މީހުންނެވެ.

މަދިރީގެ ޒަރީއާ އިން ފެތުރޭ ބަލިތައް މިދުވަސްވަރު މަދުކަމުގައިވީ ނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމުގައި އެޗްޕީއޭ އިން ފާހަގަ ކުރެއެވެ.