ޚަބަރު

ޑޮކްޓަރަށް ދެއްކުމަށް ރައީސް ޔާމީން މާލެ ގެނެސްފި

މަރިޔަމް ޝަހުދާ

މަނީލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭސްފަރުވާއަށް މާލެ ގެނެސްފިއެވެ.

މިކަން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު އާމިނަތު ޔުސްރީން އަހުމަދު ވަނީ "ވަން އޮންލައިން" އަށް ކަށަވަރުކޮށްދެއްވާފައެވެ. ޔުސްރީން ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށްޓަކައި ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި މާލެ ގެނެވުނު ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޑޮކްޓަރަށް ދެއްކުވެމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށް ޔުސްރީން ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅުވައިގެން ދައުލަތުން ކުރި، މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ވަނީ ހުކުމް އިއްވައިފައެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމަށް އެމަނިކުފާނު ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި ހައިކޯޓުގައި މިދިޔަ މަހު ބޭއްވި އަޑުއެހުމެއްގައި އެމަނިކުފާނުވަނީ އެމަނިކުފާނަށް ހިތުގެ ސީރިއަސް ބައްޔެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މައިބަދައިގެ އޮޕަރޭޝަނެއް ކުރަންވެސް ޖެހިވަޑައިގަންނަވާ ކަމަށާއި، މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ހިސާބުން ނަފުސާނީ މައްސަލައެއް ދިމާވެފައިވާކަމަށް ވިދާޅުވެފައި ވެއެވެ.

ހުރިހާ ސިއްހީ މައްސަލަތަކަށް ފަރުވާ ލިބޭނީ ރާއްޖޭން ބޭރުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް މި އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އަދި އޭގެ ތެރެއިން މައި ބަދައިގެ ކަށިގަނޑެއް ގުޑާފައިވާ މައްސަލައަކީ، އެކަމުގެ ޓެސްޓްވެސް ރާއްޖޭން ހެދެން ނެތް ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިތުގެ މައްސަލައަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން، ބޭސް ފަރުވާ ކުރެއްވުމަށް ޓަކައި، ޖަލު ހުކުމް ތަންފީޒު ކުރެއްވުން ފަސްކޮށް ދެއްވައި ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ރައީސް ޔާމީން، ހައިކޯޓުގައި މިދިޔަ މަހު ކުރިއަށް ދިޔަ އަޑުއެހުމުގައި އެދިވަޑައިގެންނެވި އެވެ.

އޭގެފަހުން މިމަހު ހަވަނަ ދުވަހު ހައިކޯޓުން ވަނީ، ރައީސް ޔާމީން އެދި ވަޑައިގެންފައިވާ ގޮތަށް، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައެވެ. ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް އެދި ހުށަހެށީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިތުރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދިނުމަށް އެދިއެވެ.