ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި ގާނޫނުތައް އެބޭފުޅުންނާއި އަރައި ހަމަކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމާއި ދެކޮޅަށް ނުރުހުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ޓީއެމްއޭ އާއި އެމްއޭސީއެލްގެ ދެމެދުގައި ސައްހަ އެގްރީމެންޓެއް ނެތް ކަމަށާއި ނަމަވެސް ހަގީގަތަކީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އަމިއްލަ މަންފާ ހޯދުމަށްޓަކައި ދައުލަތުގެ ހަރު މުދާތައް ބަހާލަނީ ކަމުގައި ޑރ. ޖަމީލު ވިދާޅުވެފައި ވެއެވެ.
ޓީއެމްއޭ އިން ދޭން ޖެހޭނީ ހިދުމަތްތައް ކަމަށާއި ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލުން ޖާގަ ދޫކުރެވޭނީ ޗެކްއިން ކުރުމަށާއި އެހެނިހެން ވެސް ބޭނުންތަކަށް އެކަނި ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި އެމްއޭސީއެލަށް ބޮޑު ނަފާއެއް ލިބެން އޮތްވައި ލައުންޖް ސާރވިސް ޓީއެމްއޭ އަށް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި މުޅިތަން އެއްކޮށް ނެގުމުގެ ފަހަތުގައި، ޓެކްސްގެ ގޮތުގައި މާލީ ބޮޑެތި ފައިދާތައް ނެގުން ނޫން ކަމެއް ނުވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ވިޔަފާރިތަކުގައިވެސް ހިފަހައްޓަން ޖެހޭ ހަމަތަކެއް ވާކަން ފާހަަގަކުރައްވައި ޖަމީލު ވިދާޅުވީ ގައުމީ އެއާލައިނަށް ވެސް މިހާރު ވަނީ ގެއްލުން ކަމަށެވެ. އަދި ޓީއެމްއޭ އިން މަސައްކަތް ކުރަނީ އެމްއޭސީއެލަށް ވެސް އެގޮތަށް ހަދަންތޯ ޖަމީލް ވަނީ ސުވާލުކުރައްވާފައެވެ.
ނަމަވެސް މި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ. އެގޮތުން ސީޕްލޭން ޓާމިނަލް މައްސަލައިގައި، ޓީއެމްއޭއިން ވެސް އަދި އެހެންމީހަކުވެސް ފައިސާއެއް ދީފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްވަމުން ރައީސް މުހަައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.