ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލުމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށާއި މިހާރު ފެންނަމުންދަނީ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިންގަން ބޭރުގެ ގައުމުގެ ބޭފުޅުން ގެނެސް، މަގާމުތައް ދެމުންގެންދާ ތަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ޖަލު ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ބޮޑެތި ކުންފުނިތައް ހިންގަން ވެސް ހިންގަން އެނގޭވަރުގެ ގާބިލު ދިވެހިން ތިބިކަން ރައީސް ޔާމީނުގެ ސަރުކާރުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
"އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިންގަން ބޭރުގެ ގައުމުގެ ބޭފުޅުން ގެނެސް، މަގާމުތައް ދެމުންގެންދާ ތަން. ވަކި ގައުމެއްގެ ބޭފުޅަކު ނޫނިއްޔާ ކަމަކު ނުދޭ ދިވެހިރާއްޖޭގައި ވަކި ކުންފުންޏެއް ހިންގާކަށް. ފަހަރެއްގައި އެއާޕޯޓު ވިއްކާ ނުލައި އަދި އެބައޮތް. އެހެންނަމަވެސް އެއާޕޯޓު ވިއްކާލުމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް މިހާރު ފެނިގެން އެބަދޭ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ހިންގަން އެނގޭ ވަރުގެ ގާބިލު ދިވެހިން އެބަ ތިބި ކަމަށާއި އެކަން ރައީސް ޔާމީންގެ ސަރުކާރުން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ވަކި ކުންފުންޏެއްގައި ސީއީއޯކަން ކުރައްވާފައި ހުންނެވި، ވަކި ގައުމަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ގެނެސްގެން އެ އެއާޕޯޓު ހިންގުން މިއަދު ހަވާލުކުރަން މި ޖެހުނީ ކީއްވެތޯ އަދުރޭ ސުވާލު އުފެއްދެވިއެވެ.
"އަޅުގަނޑުގެ ސުވާލަކީ ދިވެހިރާއްޖޭގައި ނެތީތޯއޭ އެއާޕޯޓްސް ކޮމްޕެނީ ހިންގޭވަރުގެ ގާބިލު ބޭފުޅަކު. ނޫން، އެބަތިއްބެވި. އަޅުގަނޑުމެންގެ ސަރުކާރުން އެކަން އޮންނާނީ ސާބިތުކޮށްދީފައި. ދެން ކީއްވެގެންތޯއޭ ވަކި ކުންފުންޏެއްގައި ސީއީއޯކަން ކުރައްވާފައި ހުންނެވި، ވަކި ގައުމަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ގެނެސްގެން އެ އެއާޕޯޓު ހިންގުން މިއަދު ހަވާލުކުރަން މި ޖެހުނީ. އެއީ ކޮން ކަހަލަ ޑީލެއްގެ ދަށުން ކުރި ކަމެއްތޯއޭ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވަނީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ޕޯސްޓަރުގައިވާ ތަސްވީރަށް ވެސް ފާޑުވިދާޅުވެފައެވެ. އަދުރޭ ވިދާޅުވީ އެ ތަސްވީރަށް ބަލައިލީމާ ފެންނަނީ ފެނުގެ އަޑިއަށް ތަރައްގީ ފައިބާފައި އޮންނަ މަންޒަރު ކަމަށެވެ.
"ތިބޭފުޅުން ބައްލަވައިލައްވާ އެ ތަސްވީރަށް. ބަލައިލީމާ ވަރަށް ރީއްޗަށް ފެންނާނެ ފެނުން މައްޗަކަށް ތަރައްގީއެއް ނާރާ. މި ސަރުކާރަކަށް އަތްލެވޭ ތަރައްގީ ގެންނާކަށް ނޭނގޭ. އަތްނުލެވޭ ތަރައްގީއަށް ވަރަށް ފަރިތަ. ފެނުގެ އަޑިއަށް ތަރައްގީ ފޭބީމާ އެއަކު އަތެއް ނުލެވޭނެ. އެ ތަސްވީރު ބުނެދެނީ ވަރަށް ބޮޑު ވާހަކައެއް. އެއީ ދިވެހި ގައުމު ދިވެހިންނަށް ގެއްލިގެންދާ ވާހަކަ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ އެމްޑީޕީން ނަންތައް ދިނުމަށް ވަރަށް މޮޅުވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ކީ ނަމަކުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ.