ޚަބަރު

ސީޕްލޭން ޓާމިނަލުގެ މައްސަލަ ނިންމީ ކުރިމަތިކުރުވި ޕްރެޝަރުތަކަށް ބޯލެނބުމެއް ނެތި: މަވޯޓާ

ސީޕްލޭން ޓާމިނަލުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ ކުރިމަތިކުރުވި ޕްރެޝަރުތަކަށް ބޯލެނބުމެއް ނެތި ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ގޮތަށް ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގަ ޓީއެމްއޭ ދިނުމަށް ފާސްކޮށްފައެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެކަމުގައި ވަރަށް ގިނަ ޕްރެޝަރުތަކާއި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ވަރަށް ގިނަ ޕްރެޝަރުތަކާއި ގޮންޖެހުންތައް މިކަމުގައި އެބަހުރި. އަޅުގަނޑުމެން މި ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. އަޅުގަނޑުމެން ގޮތް ދޫނުކޮށް، މިކަމުގައި އެކި ފަރާތްފަރާތުން އައި ޕްރެޝަރަށް ބޯނުލަނބައި އަޅުގަނޑުމެން މި ނިންމުން ނިންމީ،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެއްގޮތަކަށް ވެސް ދައުލަތަށް ގެއްލުންވާ ގޮތަށް ކަމެއް ނުނިންމާނެ ކަމަށާއި ހާލަތަށް ރިއާޔަތްކޮށް ނިންމާނީ ދައުލަތަށް ފައިދާވާ ގޮތަކަށް ކަމަށެވެ. އަދި ޓީއެމްއޭ އިން އެދުނު ގޮތަށް 19،000 އަކަމީޓަރުގެ ބޮޑުމިން 10.35 ޑޮލަރަށް ދިން ނަމަ، ޔަގީނުން ވެސް 800 މިލިއަން ޑޮލަރު 15 އަހަރުތެރޭ ދައުލަތަށް ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޭސީސީގެ މައްސަލަތަކަށް ބެލިން، އަޅުގަނޑުމެން އޮޑިޓާ ޖެނެރަލް ލައްވައި އޮޑިޓް ކުރުވިން، އަދި ދައުލަތަށް އެއިން ލިބޭނެ މަންފާއަކާއި ފައިދާއަކާ ދެވެން އޮތް ގޮތްގޮތަކަށް އަޅުގަނޑުމެން ބެލިން. ހަމަ އެހެންމެ އަޅުގަނޑުމެން ބެލިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ހީނަރުކަމެއް ނައިސް، ކުރިއަށް ގެންދެވޭނެ ގޮތަކަށް ވެސް. އަލަށް ހަދާފައި އޮތް ރަންވޭ ނުހުޅުވި ލަސްވާ ކަމަށް ވަންޏާ، އެއިން ވެސް ދައުލަތަށް ލިބެން ހުރި އެތަކެއް އާމްދަނީއަކަށް ބުރޫ އަރައި ގެއްލުން ވަމުންދާނެ. ހަމަ އެއާއެކީ ސީޕްލޭން ޓާމިނަލް ނުހުޅުވި ލަސްވެ، އަދި އެމީހުންގެ ހިދުމަތް މެދުކެނޑޭ ގޮތް ދިމާވެއްޖެނަމަ، އެއިން ވެސް ދައުލަތަށް ލިބޭ ވަރަށް ގިނަ އާމްދަނީތަކެއް ގެއްލިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިއްޔެ ނިންމި ނިންމުމުގެ ނަތީޖާއަކަށް ވެގެންދާނީ ކުރިއަށްއޮތް ދެ އަހަރުތެރޭ ހަތަރު މިލިއަން ޑޮލަރުގެ ބަދަލުގައި 33 މިލިއަން ޑޮލަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުން ކަމަށާއި ޓީއެމްއޭ އިން އެދުނު ގޮތަށް 15 އަހަރު ދުވަހަށް ދިން ނަމަ، ދައުލަތަށް ބޮޑު އަދަދެއް ގެއްލުންވާނެ ކަމަށެވެ.

"ހަމައެކަނި އޮތް ފުރުސަތަކީ ޓީއެމްއޭ އިން އަޅުގަނޑުމެން މި އޮފާ ކުރާ ގޮތަށް ގަބޫލު ނުކޮށްފިއްޔާ، ދެން ވާނެ ގޮތަކާ ދޭތެރޭގައި. އޭރުން އެމްއޭސީއެލްއަށް ޖެހޭނީ ކޮންމެވެސް އެހެން ގޮތެއްގެ މަތީން އެ އޮޕަރޭޝަން ހިންގާނެ ގޮތެއް ހޯދަން،" އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ދައުލަތް ބްލެކްމެއިލްކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ފުރުސަތެއް ރައްޔިތުންގެ މަޖިލީހުން އަދި މި ސަރުކާރަކުން ވެސް ނުދޭނެ ކަމަށެވެ.