އަލީ ޔާމިން
ޖަރުމަނުގެ ސްޓުޓްގާޓްގައި ކުރިއަށްދާ 25 ވަނަ އިކާ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިިވެރިވެ، ފަހުރުވެރި ދެ މެޑަލް ހޯދައިފިއެވެ.
އެ މުބާރަތަކީ ކެއްކުމުގެ އެކި މުބާރާތްތަކުން ގޯލްޑް މެޑަލް ހޯދާ ޝެފުންނަށް އެކަނި ވާދަކުރެވޭ މުބާރާތެކެވެ. ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކަލިނަރީ އޮލިމްޕިކްސްގައި މި އަހަރު ރާއްޖެ ތަމްސީލު ކުރީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ދެ މެންބަރުން ކަމަށްވާ ޖޫދީ ޚާލިދު އަދި އަބްދުއްރަޝީދުއެވެ. އެ ދެ ޝެފުންވެސް ވާދަކުރީ ވެޑިންގް ކޭކު ކެޓަގަރީންނެވެ.
އެ ކެޓަގަރީގައި ވާދަކޮށް، ޝެފް ޖޫދީ ޚާލިދު ފަހުރުވެރި ރަން މެޑަލް ހޯދިއިރު އިރު، ޝެފް އަބްދުލްރަޝީދު ވަނީ ރިހި މެޑަލް ހޯދައިފައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދެ ޝެފުން ޖަރުމަނަށް ގޮސްފައިވަނީ އަމިއްލަ ހަރަދުގައެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން އަންނަނީ 2024 ވަނަ އަހަރުގެ ކަލިނަރީ އޮލިމްޕިކްސްއަށް އެ ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ ގައުމީ ޝެފުންގެ ޓީމެއް ބައިވެރިކުރުމަށް މަސައްކަތްކުރަމުންނެވެ.