ޚަބަރު

ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާއިން ފާހާނާ ބަރިއެއް ހަދިޔާކޮށްފި

އަލީ ޔާމިން

ކޮރޯނާ ވައިރަސްއާއި ގުޅިގެން ކަރަންޓީނު ކުރަން ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާގެ ސީމެކް ކުންފުނިން ފާހާނާ ބަރިއެއް ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށި ހިމެނޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ހެދި ފާހާނާ ބަރި ނިންމައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ މިއަދު އެވެ.

މި ތަން ހަވާލުކޮށްދެއްވީ ސީމެކްގެ ފަރާތުން އެކުންފުނީގެ ރާއްޖެ އޮފީހުގެ އެންމެ އިސްވެރިޔާ ލިއު ޝިއާއޯޑާއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން މިތަނާ ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ ޗެއާމަން މެނޭޖިން ޑައިރެކްޓަރު ސުހެއިލް އަހުމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ، ސީމެކުން ރާއްޖޭގައި އޮޕަރޭޓްކުރަން ފެށިފަހުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާ ހުރި ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށާއި ހާއްސަކޮށް ހުޅުމާލޭގައި އެކުންފުނިން ހިންގާފައިވާ ހައުސިން ޕްރޮޖެކްޓްތައް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ސީމެކްގެ ފަރާތުން ވާހަކަ ދައްކަވަމުން ލިއު ޝިއާއޯޑާ ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ މިހާލަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއަށް ސިޓީފުޅެއް ފޮނުއްވިކަމާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ދިވެހިން ތިބީ ޗައިނާ ރައްޔިތުންނާއި އެކުކަން ހާމަކުރައްވައި މެސެޖެއް ފޮނުއްވި ކަމަށެވެ. އަދި ހަމައެއާއި އެކު، ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމިކަން އޭނާ ފާހަގަކުރެއްވިއެވެ. ލިއު ވިދާޅުވީ، ދިވެހިންނާއި ޗައިނާއިން ގުޅިގެން މަސައްކަތް ކޮށްފިނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އައިސޮލޭޝަން ފެސިލިޓީގައި ގާއިމްކުރި ފާހާނާތަކުގެ އިތުރުން މިރަސްމިއްޔާތުގައި ސީމެކުން ވަނީ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކަށް ބޭނުންވާނެ ބައެއް ސާމާނުވެސް ހަދިޔާކޮށްފައެވެ. އެގޮތުން މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި އެރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.