އަލީ ޔާމިން
ސަރުކާރުން ފަނޑިޔާރުގެއާ ބެހި އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެކަމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން އުޅެނީ ތެދުވެރި ނިޔަތެއްގައި ކަމަށެވެ. އެއީ ރައްޔިތެއްގެ ކިތަންމެ ކުޑަ ހައްގެއް ބަޔަކު ނިގުޅައިގަތަސް، ފަނޑިޔާރުގެއިން އެ ހައްގެއް އަނބުރާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.
"މިއަދު ދައުލަތް ހިނގަމުން މިއަންނަނީ، ދައުލަތުގެ ތިން ބާރަށް ގާނޫނުއަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި. ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް، އަޅުގަނޑުމެން ނުކުރަން. އަދި ކުރުމުގެ ވިސްނުމެއް ވެސް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ފަނޑިޔާރުން ކަމަށާއި އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ބަދަލަކީ އަދުލު އިންސާފުގެ މަގުން ނިޔާތައް ކަނޑައެޅުން ކަމަށާއި އެކަން ފަނޑިޔާރުގެއިން ފެންނަން ފަށާނީ ފަނޑިޔާރުން އެ ބޭފުޅުންގެ އަމިއްލަ ނަފްސުން ފެށިގެން އިސްލާހީ ބަދަލުތަކަށް ފުރުސަތު ދެއްވައިގެން ކަމަށެވެ.
"ކޮރަޕްޝަނާ ފައިސާގެ ދަހިވެތިކަން، އަމިއްލަ މަސްލަހަތަށްޓަކައި ތަފާތު ނުފޫޒުތައް، މިއިން ކޮންމެ ކަމަކީ ވެސް ފަނޑިޔާރުން އިއްވާ ނިޔާތައް އަނިޔާއަކަށް ވެގެން ހިނގައިދާނެ ކަންކަން. ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް ހުރަސް އަޅައި މިފަދަ ކަންކަމަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ފަނޑިޔާރުންގެ ކިބައިގައި އަށަގަނެގެން ނޫނީ އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމެއް ނުކުރެވޭނެ. އެކަން ނުކުރެވޭހާ ހިނދަކު ރައްޔިތުންގެ ހައްގުތަކެއް ރައްކާތެރިއެއް ނުކުރެވޭނެ. އަދި އިޖުތިމާއީ ހަމަޖެހުމާ އަމަން އަމާންކަންވެސް ގާއިމް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އަދުލު އިންސާފު ގާއިމުކުރުމަކީ، ހަމައެކަނި ފަނޑިޔާރުގެއާއި ފަނޑިޔާރުންނާ ހަމައިން ނިމޭ ކަމެއް ނޫން ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ މަސައްކަތްތައް މިއަހަރަށް ފެށުމުން ހެޔޮ ބަދަލުތަކެއް އައިސް ރައްޔިތުންގެ ހިތްތަކުގައި ފަނޑިޔާރުގެއާމެދުގައި އިތުބާރު އުފެދެން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.