އަލީ ޔާމިން
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލުތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރުއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ފަނޑިޔާރުގެ އިސްލާހު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކުރަން ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
އޭގެ ތެރެއިން ފަނޑިޔާރުގެ އިސްލާހުކޮށް، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެގޮތުން ޖުޑީސަލް ސާވިސް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
"އެގާނޫނު (ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު) އިސްލާހުވުމުން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިދޭ ބާރުތަކާއި މައްސަލަ ރައްދުވާ ފަނޑިޔާރުންނަށް ލިބިދޭ ހައްގުތައް މިހާރަށްވުރެ ސާފުކޮށް ބަޔާންވެގެންދާނެ. އަދި އެފަދަ މައްސަލައް ބަލާ އިޖުރާތްތައް މިހާރަށް ވުރެ ރަނގަޅަށް ކަނޑައެޅިގެންދާނެ. އޭގެ އިތުރުން ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލްތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅޭނެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކޯޓުތަކެއް އެއް ވިއުގައަކުން ގުޅިގެން ދިޔުމަކީ ޝަރުއީ މަރުހަލާ އަވަސް ވެގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އިޖުތިމާއީ މައްސަލަތަކަށް އެންމެ އެކަށީގެންވާ ހައްލެއް ގެނެވޭނީ ފަނޑިޔާރުގޭގެ ތެރެއިން ކަމަށާއި، މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިމި ނިޔާއާއި ހަމައަށް ދިއުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުން ފަނޑިޔާރުގެއަށް ކުރާ އިތުބާރު ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ކޯޓުތަކުގައި މައްސަލަތައް ފުނި ޖެހި ޝަރީއަތުގެ މަރުހަލާ ނުނިމި ދިގުލައިގެން ދިއުން ކަމަށެވެ. އަދި އެހެން އެކަން ދިމާވަނީ ކޯޓުތަކުގައި އެކަށީގެންވާ ފަނޑިޔާރުންނާއި، ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ހުޅުމާލޭގައި ކޯޓު ކޮންޕްލެކްސް އެއް އެޅުމަށް ބިމެއް ކަނޑައަޅައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާ ހަވާލުކޮށްފައިވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ފަނޑިޔާރުގެ އިސްލާހުކޮށް، އަދުލު އިންސާފު ގާއިމްކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.