ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އެ ކޯޓުން އާންމު ކުރަން ފަށައިފިއެވެ. މިއީ ރާއްޖޭގައި ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ.
އެކަން އިއުލާންކުރެއްވީ ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބޭ ތަނަކަށް ހެދުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރިއަށް ރާވަމުން ގެންދަވާ ކަމަށާއި އޭގެ ތެރެއިން ވެސް ސުޕްރީމް ކޯޓާމެދު ދެކޭ ތަސައްވުރެ އެބައޮތް ކަމަށެވެ.
އެގޮތުން ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ސުޕްރީމް ކޯޓުގެ ވެބްސައިޓު މެދުވެރިކޮށް މިރެއިން ފެށިގެން އަޑުއެހޭނެ އިންތިޒާމު ހަމަޖައްސައިފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބަޖެޓް ލިބުނުހާ އަވަހަކަށް ސުޕްރީމް ކޯޓުގެ އަޑުއެހުންތަކުގެ ލައިވް ސްޓްރީމް ވެސް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން ގާނޫނަކުން އާންމުންނަށް ހުޅުވާލައިގެން ޝަރީއަތް ބޭއްވުން މަނާކުރާ ބާވަތުގެ މައްސަލަތައް ފިޔަވައި ސުޕްރީމް ކޯޓުގެ ބޭއްވޭ ޝަރީއަތްތަކުގެ މަޖިލިސްތައް ހިނގަމުންދާއިރު ޝަރީއަތްތަކަށް ވަދެ ނުކުތުމުގެ އުސޫލުތައް ވެސް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް ޓީވީން ލައިވް ބްރޯޑްކާސްޓްކުރީ ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ.