ޚަބަރު

އެއްވެސް ނުފޫޒަކަށް ނުލެނބި އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ފަނޑިޔާރުގެ ދެމި އޮންނާނެ: އުއްތަމަ ފަނޑިޔާރު

އެއްވެސް ނުފޫޒަކަށް ލެނބުނެއް ނެތި އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ފަނޑިޔާރުގެ ދެމިއޮންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނުއަސާސީ ނަގަހައްޓައި އިންސާފަކީ މުޖުތަމައު ވިއްސިވިހާލިނުވެ ހިިފަހައްޓާ ބާރުކަން އެނގިތިބެ އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމްވެ އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ މި ދުނިޔެއަށްވުރެ ބަރުބޮޑު ޒިންމާއެއްކަމާއި އެ ޒިންމާ އަދާކުރި ގޮތަކާމެދު ސުވާލު ކުރެވޭނެކަން އަދި އެއްވެސް ތަފާތު ކުރުމެއް ނެތި ފަނޑިޔާރުންގެ ޒިންމާ އަދާކުރަންޖެހޭނެކަން ވެސް ދަންނަ ކަމަށް ވިދާޅުވިއެވެ.

"ފަނޑިޔާރުގެއިން ގާނޫނުއަސާސީ ނަގަހައްޓާނެކަމުގެ ޔަގީންކަން އަރުވަން. އެއްވެސް ނުފޫޒަކަށް ލެނބުނެއް ނެތި އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ފަނޑިޔާރުގެ ދެމި އޮންނާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެން ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުގެއާމެދު ކުރަމުން ގެންދާ ޝަކުވާގެ އަޑު ކަނޑާލުމަކީ އަޒުމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ އަޑު ކަނޑުވާލެވޭނީ ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރެވިގެން ކަމަށެވެ. އަދި އުއްމީދަކީ ރައްޔިތުން އެދޭފަދަ ދެފުށް ފެންނަ، އަދުލުވެރި ނަޒާހަތްތެރި ފަނޑިޔާރުގެއެއް ބިނާކުރުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރުމުގެ ޒިންމާ އެންމެ އެކަށީގެންވާ މިންވަރެއްގައި މަސައްކަތް ކުރުމަށް އެކިކަހަލަ ގޮންޖެހުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ދާއިރާގެ ކުރިމަގު ބައްޓަން ކުރުމުގައި މަޝްވަރާގެ އުސޫލު ގެންގުޅުމަކީ ނުހަނު މުހިންމުކަމެއްގެ ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.